ތިމާވެށި ޙިމާޔަތް ކުރަން އަހަރަކު 7 މިލިއަން ރުފިޔާ ޚަރަދުކުރަނީ
ރާއްޖޭގެ ގުދުރަތީ މާހައުލުތަކާއި ނާޒުކު ދިރުންތައް ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމުގެ ގައުމީ އަޒުމް ވަރުގަދަކުރުމުގެ ގޮތުން، ގްރީން ފަންޑުން ކޮންމެ އަހަރަކު ހަތް މިލިއަން ރުފިޔާ (70 ލައްކަ ރުފިޔާ) ހޭދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބެއްގައި މިކަން އިއުލާންކުރެއްވީ، ތިމާވެށްޓަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކޮށް ފިޔަވަޅު އެޅުމުގައި ޒަމާނުއްސުރެ ކުރިމަތިވަމުންދާ މާލީ ދަތިތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށެވެ.
މި އާ ބަދަލާއެކު މި ފައިސާ އެންމެ އިސްކަމެއް ދީގެން ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިމާޔަތްކޮށްފައިވާ މާހައުލުތަކާއި އެ ތަންތަނުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓާނެ ނިޒާމުތައް ތަރައްގީކުރުމަށެވެ. މީގެ އިތުރުން އެފަދަ ނާޒުކު ސަރަހައްދުތައް މޮނިޓާކޮށް، ބޭނުންވާ މަރާމާތުގެ މަސައްކަތްތައް ހަރުދަނާ އުސޫލެއްގެ ތެރެއިން ކުރުމަށްވެސް މި ފަންޑުން ބަޖެޓު ކަނޑައަޅާނެއެވެ.
Ads by BMLތިމާވެށި ހިމާޔަތްކުރުމުގެ މި އާ ސިޔާސަތުގެ ދަށުން، ކޮންސަވޭޝަންގެ މަސައްކަތްތަކުން އާންމު ރައްޔިތުންނަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން މަންފާ ހޯދޭނެ އިތުރު މަގުތައް ފަހިކޮށްދިނުމަށް ވަނީ ރޭވިފައެވެ. އަދި މި ދާއިރާއިން ކުރަންޖެހޭ ސައިންޓިފިކް ދިރާސާތައް އިތުރުކޮށް، އެ މައުލޫމާތު އާންމުންނާ ހިއްސާކުރުމުގެ އިތުރުން، ރާއްޖޭގައި ތިމާވެށީގެ ފަންނީ ގާބިލުކަން މިހާރަށްވުރެ މަތީ ފަންތިއަކަށް ގެންދިއުމަށްވެސް ފައިސާ ހޭދަކުރެވޭނެއެވެ.
މި ހުރިހާ މަސައްކަތްތަކެއްގައި ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުން ހޯދުމަށްޓަކައި، މި ދާއިރާގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކާއި ސްކޫލުތަކުގެ ތިމާވެށި ކްލަބުތަކާ ގުޅިގެން ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ކަނޑައަޅާފައެވެ. މި އާ ބަދަލާއެކު ދުރު ރާސްތާގެ ބޮޑެތި މަޝްރޫއުތައް އެކުލަވާލައި ތަންފީޒުކުރުމަށް ބޮޑެތި ފުރުސަތުތަކެއް ހުޅުވި، ތިމާވެށި ރައްކާތެރިކުރުމުގެ ގައުމީ މަސައްކަތް މިއަށްވުރެ ބޮޑަށް ހަރުދަނާވެގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
Ads by MACL
