ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް 2026: އީރާނުގެ އޮފިޝަލުންނަށް އެމެރިކާއަށް އެތެރެވާން ވިސާ ނުދިން

ވޯލްޑް ކަޕް 2026: އީރާނުގެ އޮފިޝަލުންނަށް އެމެރިކާއަށް އެތެރެވާން ވިސާ ނުދިން

މި މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕާ ދިމާކޮށް، އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ގިނަ އަދަދެއްގެ އޮފިޝަލުންނަށް އެމެރިކާއަށް އެތެރެވުމަށް ބޭނުންވާ ވިސާ ދިނުމަށް އެމެރިކާ ސަރުކާރުން އިންކާރުކޮށްފިއެވެ.

މި ނިންމުމާ ގުޅިގެން އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ރަސްމީ ބަޔާނެއް މެދުވެރިކޮށް އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އީރާނުގެ ފުޓުބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެމެރިކާގެ މި ނިންމުމަކީ ބައިނަލްއަގުވާމީ ކުޅިވަރުގެ ގާނޫނުތަކާއި ގަވާއިދުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ. އަދި މިއީ ކުޅިވަރުގެ ރޫހާ ހިލާފަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގައި އެ ފެޑެރޭޝަނުން ސިފަކޮށްފައިވެއެވެ.

މި މައްސަލައިގައި އީރާނުން އިތުރަށް ބުނެފައިވަނީ، އެމެރިކާގެ މި އަމަލަކީ ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތަކަށް ތައްޔާރުވުމަށް ކުރާ މަސައްކަތަށް އެޅޭ ހުރަހެއް ކަމަށެވެ. އެހެންކަމުން، މި މައްސަލަ ބައިނަލްއަގުވާމީ ފުޓްބޯޅަ ފެޑެރޭޝަން (ފީފާ) އަށް ހުށަހަޅައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށްވެސް އެ ފެޑެރޭޝަނުން ކަށަވަރުކޮށްދެއެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ މުބާރާތަކަށް ވާއިރު، މުބާރާތުގައި ބައިވެރިވާ ގައުމުތަކުގެ އޮފިޝަލުންނަށް ވިސާގެ ކަންކަން ހަމަޖައްސައިދިނުމަކީ ބާއްވާ ގައުމުގެ ޒިންމާއެކެވެ. މި މައްސަލައިގައި ފީފާއިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.