ހިތަދޫ އުތުރުން ޕީއެންސީ ހޯދި ކުރިއެރުމާއެކު 2028 ގައި އައްޑޫ ވެގެންދާނީ އެޕާޓީގެ ކިއްލާއަކަށް: ފަލާހް
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވެރިކަން ކުރާ ޕީއެންސީން ހިތަދޫގެ ވޯޓު ފޮށިތަކުން ހޯދި ބޮޑު ކުރިއެރުމާއެކު، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އައްޑޫ ސިޓީ ވެގެންދާނީ އެ ޕާޓީގެ ވަރުގަދަ ކިއްލާއަކަށް ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މިރޭ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ކާމިޔާބު އިންތިހާބަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހް ވިދާޅުވީ، ހިތަދޫ އުތުރު ދާއިރާއަކީ އިދިކޮޅު އެމްޑީޕީގެ ސާފު ކިއްލާއެއްގެ ގޮތުގައި ކުރަމުންދިޔަ ދައުވާ މި ބައި އިލެކްޝަނުގެ ނަތީޖާއާއެކު މިހާރު މުގުރާލެވިފައިވާ ކަމަށެވެ.
މި އިންތިހާބުގެ ޖުމްލަ ނަތީޖާއިން އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) 1،375 ވޯޓާއެކު ގޮނޑި ކާމިޔާބު ކުރެއްވި ނަމަވެސް، އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި ހިތަދޫގައި ބެހެއްޓުނު ފަސް ވޯޓު ފޮށިން އެންމެ ގިނަ ވޯޓު ހޯދާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) އެވެ. ސޮޑާއަށް ހިތަދޫން 958 ވޯޓު ލިބިވަޑައިގަތްއިރު ސޯބެއަށް ލިބިވަޑައިގަތީ 924 ވޯޓު ކަމަށްވުމުން، ހިތަދޫގެ ފޮށިތަކުން ޕީއެންސީން ވަނީ 34 ވޯޓުގެ ކުރިއެރުމެއް ހޯދާފައެވެ. ނަމަވެސް މާލޭގައި ބެހެއްޓި ފޮށިތަކުން ލިބުނު ތާއީދާއެކު ސޯބެ އިންތިހާބު ކާމިޔާބު ކުރެއްވީ 62 ވޯޓުގެ ތަފާތަކުންނެވެ.
https://twitter.com/IbrahimFalahR/status/2063303098291089875ފަލާހްގެ ވާހަކަފުޅުގައި އެމްޑީޕީގެ އިސް ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ހާމަކުރެއްވީ، އެމްޑީޕީގެ ހުރިހާ ރިޔާސީ ކެންޑިޑޭޓުން ކަމަށްވާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މާލޭގެ މޭޔަރު އާދަމް އާޒިމާއި، އަބްދުﷲ ޝާހިދާއި ފައްޔާޒް އިސްމާއިލް ފަދަ ބޭފުޅުންނާއި، އަދި އެ ދާއިރާގެ މެންބަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި މުހައްމަދު އަސްލަމް ނިކުމެވަޑައިގެން ކުރެއްވި މަސައްކަތް ފެއިލްވެފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އެމްޑީޕީއާ ގުޅުމެއް ނެތް ކަމަށް ވިދާޅުވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ތާއީދު ކުރެއްވި ނަމަވެސް، އައްޑޫ ރައްޔިތުން ވަނީ އެ ބޭފުޅުންނަށް ނޫނެކޭ ބުނެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އައްޑޫގައި ދިރިއުޅޭ ރައްޔިތުން މިހާރު ބުނަމުންދަނީ އެމްޑީޕީގެ ލީޑަޝިޕް އޮތީ ފެއިލްވެފައި ކަމަށާއި، އެޕާޓީން އައްޑޫ ސިޓީއަށް އިހުމާލުވެފައިވާ ކަމަށް ވިދާޅުވަމުން ފަލާހް ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮތް ލޯތްބާއި އިތުބާރު މި ނަތީޖާއިން ސާފުކޮށް ފެނިގެން ހިނގައްޖެ ކަމަށް ވިދާޅުވެފައެވެ. މި އިންތިހާބުގައި ބެހެއްޓި ޖުމްލަ ހަތް ފޮށީގެ ތެރެއިން ހަތަރު ފޮއްޓަކުން ޕީއެންސީ ކުރި ހޯދުމަކީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އައްޑޫއިން އެޕާޓީއަށް ބޮޑު އަޣްލަބިއްޔަތެއް ލިބޭނެ ކަމުގެ ހެއްކެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Ads by MACL
