ވޯލްޑް ކަޕް 2026: މެސީއަށް ޚާއްސަ "އެލް އުލްޓިމޯ ޓެންގޯ" ބޫޓު އެޑިޑާސްއިން ނެރެފި
ދުނިޔޭގެ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ކުންފުނި، އެޑިޑާސް އިން އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ އެންމެ ފަހު ވޯލްޑް ކަޕަށް ހާއްސަކޮށްގެން ތައްޔާރުކުރި 'އެލް އުލްޓިމޯ ޓެންގޯ' ސިގްނޭޗާ ބޫޓު ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
ޖޫން 5، 2026 ގައި ނެރުނު މި ބޫޓަކީ މި އަހަރުގެ ވޯލްޑް ކަޕުގައި މެސީ ފެނިގެންދާނެ އެންމެ ފަހު ފަހަރަށް ވުމުން އެކަމުގެ ޝަރަފުގައި ތައްޔާރުކޮށްފައިވާ ބޫޓެކެވެ.
މި ބޫޓުގެ ފަރުމާ ބިނާކޮށްފައިވަނީ 2006 ވަނަ އަހަރު މެސީގެ ފުރަތަމަ ވޯލްޑް ކަޕުގައި އޭނާ ބޭނުންކުރި ބޫޓުގެ އަސްލަކަށެވެ. 'އެލް އުލްޓިމޯ ޓެންގޯ' ނުވަތަ 'ދަ ލާސްޓް ޑާންސް' ގެ ނަމުން ނަންދެވިފައިވާ މި ބޫޓަކީ މެސީ ފުޓްބޯޅައިގެ އެންމެ ބޮޑު މައިދާނުން ވަކިވުމުގެ ރަމްޒެކެވެ.
މި ބޫޓު ލޯންޗުކުރުމަށް އެޑިޑާސް އިން ވަނީ ވަރަށް ފުރިހަމަ ކެމްޕޭނެއް ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި 2006 ވަނަ އަހަރުން ފެށިގެން 2022 ގެ ކާމިޔާބީއާ ހަމައަށް މެސީގެ ހަނދާންތައް އާކޮށްދޭ މަންޒަރުތައް ހިމެނެއެވެ.
ބޫޓުގެ ފަރުމާ އާއި ހާއްސަ ސިފަތައް
އެފް50 ސިލްހައެޓެއްގެ މައްޗަށް ބިނާކޮށްފައިވާ މި ބޫޓުގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ ހުދު ކުލައެވެ. މީގެ އިތުރުން އާޖެންޓީނާގެ ގައުމީ ޓީމުގެ ކުލަތައް ކަމަށްވާ އުޑުނޫކުލައިގެ ފެޗްތަކާއި، ރަންކުލައިގެ ކުރެހުންތައް ހިމަނާފައިވެއެވެ. ބޫޓުގެ އަރިމަތީގައިވާ ތިން ރީތި ރޮނގު ފަރުމާކޮށްފައިވަނީ ވަރަށް ވަރުގަދަ 'ނިޔަފަތިތަކެއްގެ' ސިފަ ޖެހޭ ގޮތަށެވެ.
މި ބޫޓަކީ 2006 ވަނަ އަހަރުގެ ކްލާސިކް ފަރުމާ އާއި 2026 ވަނަ އަހަރުގެ އެންމެ ފަހުގެ ޓެކްނޮލޮޖީ އެއްކޮށްލައިގެން އުފައްދާފައިވާ 'އެފް50.6 ފިއުޗާ' ކޮންސެޕްޓެކެވެ. މީގެ ކުރީގެ މުބާރާތްތަކުގައި މެސީ ބޭނުންކުރި ބޫޓުތަކުގައި ރަންކުލަ ބޮޑަށް ބޭނުންކުރި ނަމަވެސް، މިފަހަރުގެ ބޫޓުގައި ރަންކުލަ ބޭނުންކޮށްފައިވަނީ ހަމައެކަނި ޒީނަތްތެރިކުރުމުގެ ގޮތުންނެވެ.
އެޑިޑާސް އިން ހާމަކުރި ގޮތުގައި މި ހާއްސަ އެޑިޝަން ބޫޓުތައް މިހާރު ބާޒާރުން ލިބެން ހުންނާނެއެވެ. މިއީ މެސީގެ ފުޓްބޯޅަ ހަޔާތުގެ އެންމެ ފަހު ބާބު ފާހަގަކުރުމަށް ސަޕޯޓަރުންނަށް ލިބޭ ހާއްސަ ފުރުސަތެކެވެ.
Ads by MACL
