ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލ.މާވަށު ކުޅި (ކިލާނގަނޑު/ކަނޑުލުތެރެ) އިޔާދަކުރުން، މާވަށުން ލާމުގެ ހިތް މަޑުމަޑުން ފާޅުވަނީ!

ލާމު މާވަށު ކުޅި/ ފޮޓޯ. ކައުންސިލް
ލާމު މާވަށު ކުޅި/ ފޮޓޯ. ކައުންސިލް

ލ. މާވަށު ކުޅި (ކިލާނގަނޑު ނުވަތަ ކަނޑުލުތެރެ) އަކީ ކުރީގައި ކަނޑޫގަސްތަކުން ފުރިގެންވީ، ދިރުންތަކުން މުއްސަނދި ޗަކަބިމެކެވެ. މީގެ އަހަރުތަކެއް ކުރިން، މި ކުޅީގައި ހެދޭ ކަނޑުލަކީ ރަށުގެ ރައްޔިތުން ކެއުމަށް ބޭނުންކުރި މުހިންމު ވަސީލަތެކެވެ.

އަދި ލ. މާވަށުގައިވާ ކުޅިއަކީ (ކިލާނގަނޑު/ކަނޑުލުތެރެ) އެރަށުގެ ގުދުރަތީ ވެށީގެ ތެރެއިން ވަރަށް ޚާއްޞަ، ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ އަދި ރަށުގެ ނަމާވެސް ގުޅިފައިވާ ތަނެކެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި "މާވަށް" މިނަން ރަށަށް ކިޔުނީ މި ކަނޑޫފަލާއި ކުޅީގެ ސަރަހައްދުގެ ސަބަބުންނެވެ. މި ނަމުގެ މާނައަކީ "ކަނޑޫފާ އޮންނަ ރަށް" ކަމުގައި ބެލެވޭ ކަމަށް މާހިރުން މީގެ ކުރިން ވަނީ ބުނެފައެވެ.

މިކުޅި ވީރާނާވެ އަޅާނުލެވި ދޫކޮށްލެވުމަކީ މިހާރުގެ ކައުންސިލުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ. ނަމަވެސް، ރާއްޖެއަށް ލާމަރުކަޒީ ގާނޫނު ތައާރަފުވުމުގެ ކުރިން، އޭރުގެ މީހުން ވަނީ ކުޅީގެ އަސްލު ދިރުން ކަމުގައި ފާހަގަކުރެވުނު ހުރިހާ ކަނޑޫގަސްތަކެއް ކަނޑާ ހުސްކޮށްލާފައެވެ.

​ރައްޔިތުން އިންތިހާބުކުރާ ކައުންސިލްތައް ވުޖޫދަށް އައިއިރު، މި ހާއްސަ ސަރަހައްދު އޮތީ އެއްވެސް އިންތިޒާމެއް ނެތް ގޮތަކަށް ދޫކޮށްލެވިފައެވެ. އެއާއެކު އަމިއްލަ ބައެއް ރައްޔިތުން ދަނޑުވެރިކަން ކުރުމަށް މި ތަނުގެ ބޭނުން ހިފަމުން ދެއެވެ.

ކައުންސިލްގެ ފުރަތަމަ ދެ ދައުރުގައިވެސް މި ނާޒުކު ކުޅިޔަށް އެދެވޭ އަޅާލުމެއް ދެވިފައެއް ނުވެއެވެ.

އަދި ދެވަނަ ދައުރުގެ ފަހުކޮޅުގައި، އޭރުގެ ކައުންސިލް ރައީސްގެ ހާއްސަ ހުއްދައެއްގެ ދަށުން ބައެއް ފަރާތްތަކަށް ދަނޑުވެރިކަން ކުރުމަށް އަނގަބަހުން ހުއްދަދިން ކަމަށް ދަނޑުވެރިން ބުނެއެވެ.

މިގޮތުން، އެ ބިމާ ނުގުޅޭ ބާވަތްތަކުގެ ގަސްތައް ހެއްދުމަށާއި، ފެންގަނޑު ހިއްކުމަށްޓަކައި އެ ސަރަހައްދަށް ކުނިއަޅަން ފެށުމުގެ ސަބަބުން، މުޅި ތަން ބަދަލުވެގެންދިޔައީ ކުނިގޮޑަކަށެވެ.

​ކައުންސިލް ޓީމުން މި ކުޅި ސަލާމަތްކުރުމުގެ ބުރަ މަސައްކަތް ފެށީ ނުހަނު ކެތްތެރިކަމާއި، ހިތްތިރިކަމާއި، ސާބިތު ހިތްވަރަކާއެކުގައެވެ،
​މިއަދު، މާވަށު ކުޅި ކުރިއަށްވުރެވެސް މާ ހިތްފަސޭހަ، ހިތްގައިމު މާހައުލަކަށް ހެދިދާނެކަމުގެ އުންމީދުގެ ހުޅުކޮޅު މިވަނީ ވަރަށް ބޮޑަށް ދިއްލާ ލެވިފައެވެ. ކުޅި ސަރަހައްދު ޤަވާއިދުން ސާފުކުރުމާއި، އެސަރަހައްދަށް ކުނިއެޅުންފަދަ ކަންކަން ހުއްޓުވުމަށް މާވަށު ކައުންސިލުން ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތައް ރާވާފައިވެއެވެ.