ފެނަކައަށްފަހު އެމްޕީއެލްވެސް "ރައިޓް ސައިޒު" ކުރަނީ!
ފެނަކަ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް މުވައްޒަފުންގެ އަދަދު އެކަށީގެންވާ ވަރަކަށް މަދުކޮށް، "ރައިޓް ސައިޒު" ކުރުމުގެ ބޮޑު މަޝްރޫޢެއް ފަށާފައިވަނިކޮށް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) އިންވެސް ކުންފުނި ރައިޓް ސައިޒް ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.
ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި، ޗީފް އެގްޒެކެޓިވް އޮފިސަރު ކެޕްޓަން ޙުސައިން ޝަފީޤް ވަނީ ކުންފުނީގެ ގަވަރނަންސް ވަރުގަދަކޮށް، ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރުމުގެ މަޤްޞަދުގައި "އިންސްޓިޓިއުޝަނަލް ސްޓްރެންތަނިންގ" ގެ މަސައްކަތްތަކެއް ފެށުމަށް ހަމަޖެހިފައިވާކަން އިޢުލާން ކުރައްވާފައެވެ.
މި މަސައްކަތުގެ ދަށުން، ކުންފުނީގެ އެކި ދާއިރާތަކުގެ މަސްއުލިއްޔަތުތައް އަދާކުރުމުގައި މުވައްޒަފުންގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފެމުންދާކަން ކަށަވަރު ކުރުމަށްޓަކައި "މޭންޕަވަރ ރިވިއު އޮޑިޓެއް" ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އެމްޕީއެލް އިން މަޢުލޫމާތު ދޭ ގޮތުގައި، މި އޮޑިޓުން ފާހަގަވާ ކަންކަމަށާއި ހުށަހެޅުންތަކަށް ރިޢާޔަތްކޮށް، ކުންފުނީގެ ހިންގުމުގެ އޮނިގަނޑަށާއި، މުވައްޒަފުންގެ އޮނިގަނޑުގެ އިތުރުން މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ކުންފުނީގެ ލަނޑުދަނޑިތައް އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުކުރުމަށްޓަކައި، ކުންފުނި ރައިޓް ސައިޒް ކުރުމުގެ މި ބޮޑު އިޞްލާޙީ މަސައްކަތް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.
Ads by MACL
