ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފުލުހުންގެ ތަރުޖަމާނުގެ މަޤާމަށް ޢަލީ އާރިފް އައްޔަންކުރައްވައިފި

ސްޕޯކްސްޕާސަންގެ މަގާމަށް އަލަށް އައްޔަންކުރި އާރިފް ---
ސްޕޯކްސްޕާސަންގެ މަގާމަށް އަލަށް އައްޔަންކުރި އާރިފް ---

ފުލުހުންގެ މުއައްސަސާގެ އެތެރޭގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފަށާފައިވާ ދަނޑިވަޅެއްގައި، އެ ޚިދުމަތުގެ އާ ތަރުޖަމާނުގެ މަޤާމަށް  ޢަލީ އާރިފް މިއަދު އައްޔަންކުރައްވައިފިއެވެ.

އާރިފް މި މަޤާމަށް އިސްކުރައްވާފައިވަނީ ފުލުހުންގެ މީޑިއާ ތަރުޖަމާނުގެ ގޮތުގައި ކުރިން ހުންނެވި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ޝިފާން މިއަދު އެ މަޤާމުން ވަކިކުރެއްވުމަށް ފަހުގައެވެ.

މަޤާމާ އަލަށް ހަވާލުވެވަޑައިގަތް ޢަލީ އާރިފަކީ މީގެ ކުރިންވެސް ފުލުހުންގެ މުހިންމު ދާއިރާތަކެއްގައި އިސް ދައުރެއް އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އޭނާ އެންމެ ފަހުން މަސައްކަތް ކުރެއްވީ ސްޓްރެޓެޖިކް ޕްލޭނިންގް އެންޑް ލީގަލް ސާވިސް ޑިޕާޓްމަންޓްގައި ކަމަށްވާއިރު، މީގެ ކުރިން ގޭންގް ކުށްތަކާ ބެހޭ ޑިޕާޓްމަންޓްގެ އިސް މަޤާމުތައްވެސް ވަނީ ފުރުއްވައިފައެވެ.

މި ބަދަލާ ގުޅިގެން މަޤާމުން ވަކިކުރެވުނު އަޙްމަދު ޝިފާން ފުރަތަމަ ފުލުހުންގެ މީޑިއާ އޮފިޝަލްގެ މަޤާމަށް އައްޔަންކުރެވުނީ 2024 ފެބްރުއަރީ 18 ގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުގައި ހުންނަވަނިކޮށެވެ. އޭގެ ފަހުން އެ އަހަރުގެ ޖޫން މަހު އޭނާ ވަނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކަށް ޕްރޮމޯޓް ކުރައްވައިފައެވެ.

ޝިފާން ތަރުޖަމާނުގެ މަޤާމުން މި ވަކިކުރީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލަތަކެއް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅާފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.