ޓްރީ ޓޮޕް ފާޓިލިޓީ ސެންޓަރަށް 3 އަހަރު: 130 ފަރާތަކަށް ހިލޭ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ހުޅުވާލައިފި
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ފާޓިލިޓީ ސެންޓަރުގެ ތިންވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ދަރިމައިވުމުގެ މައްސަލަތަކަށް ހާއްސަ ޑޮކްޓަރުންނަށް ހިލޭ ދެއްކުމުގެ ބޮޑު ކެމްޕޭނެއް އެ ހޮސްޕިޓަލުން މިއަދު ފަށައިފިއެވެ.
"ފްރީ ފާޓިލިޓީ ކޮންސަލްޓޭޝަން" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތަކީ ދަރިމައިނުވުމުގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުމަށާއި، އެފަދަ ކަންކަމުގައި ލަސްނުކޮށް ލަފާ ހޯދުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ހުޅުވާލި ފުރުސަތެކެވެ.
މި މަހުގެ 13 އިން 17 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ޖުމްލަ 130 ފަރާތަކަށް ފާޓިލިޓީ ސްޕެޝަލިސްޓުންނަށް ދެއްކުމުގެ ފުރުސަތު ލިބޭނެއެވެ. މި ހިދުމަތް ހޯދުމަށް އޮންލައިން ފޯމެއް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ކެމްޕޭނުގެ ދަށުން ފުރަތަމަ ދައްކާ ދެއްކުމާއި އޭގެ ފަހުން އެޕޮއިންޓްމަންޓަށް ފޮލޯއަޕްއެއް ހެދުން ވެސް މުޅިން ހިލޭ ލިބޭނެ ކަމަށް ޓްރީ ޓޮޕުން މައުލޫމާތުދެއެވެ.
Ads by BMLނަމަވެސް، ޑޮކްޓަރަށް ދެއްކުމަށްފަހު އިތުރު ޓެސްޓެއް ހަދަންޖެހިއްޖެ ނަމަ ނުވަތަ އެހެން ހިދުމަތެއް ބޭނުންވެއްޖެ ނަމަ، އެ ކަންކަމަށް ފައިސާ ނަގާނީ ހޮސްޕިޓަލުގެ އާންމު ރޭޓުންނެވެ. އަދި މި ޕްރޮމޯޝަނަލް އެޕޮއިންޓްމަންޓްތަކަށް އާސަންދަ ނުވަތަ އެހެން އެއްވެސް އިންޝުއަރެންސެއް ބޭނުން ނުކުރެވޭނެ ކަމަށް ވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ.
މެއި 29، 2023 ގައި ހުޅުވި މި ސެންޓަރަކީ ރާއްޖޭގައި IVF ގެ ހިދުމަތް ދޭން ފެށި ފުރަތަމަ ސެންޓަރެވެ. މި ސެންޓަރުގެ ސަބަބުން ދަރިމައިވުމުގެ މައްސަލަތައް ހުންނަ ކައިވެނިތަކަށް ރާއްޖެއިން ބޭރަށް ނުގޮސް، އަމިއްލަ ގައުމުގައި ތިބެގެން ފަރުވާ ހޯދުމުގެ މަގު ފަހިވެ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ކުރިމަތިވާ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިފައިވާ ކަމަށް ޓްރީ ޓޮޕުން ފާހަގަކުރެއެވެ.
ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި މި ސެންޓަރުން ވަނީ ފާހަގަކޮށްލެވޭ ބޮޑު ދެ ކާމިޔާބީއެއް ހާސިލުކޮށްފައެވެ. އެއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް IVF މެދުވެރިކޮށް ކުއްޖަކު އުފަންވުމާއި، މިހާތަނަށް އެ ސެންޓަރުގެ އެހީގައި 100 ވަނަ ކުއްޖާ އުފަންވެފައިވުމެވެ. މިއީ އާންމުންގެ ބޮޑު އިތުބާރެއް ސެންޓަރަށް ލިބިފައިވާ ކަމުގެ ހެއްކެއް ކަމަށް ހޮސްޕިޓަލުން ދެކެއެވެ.
މި ސެންޓަރުން ދޭ ހިދުމަތްތަކުގެ ތެރޭގައި IVF، IUI، ދަރިމައިވުމުގެ މައްސަލަތައް ދެނެގަންނަ ޓެސްޓުތައް، ފަރުވާގެ ޕްލޭންތައް އެކުލަވާލުން އަދި ފާޓިލިޓީ ސިއްހަތާ ގުޅޭ އެކި އެހީތެރިކަން ހިމެނެއެވެ. މިތަނުގައި މަސައްކަތް ކުރައްވަނީ ތަޖުރިބާކާރު ޓީމެއް ކަމަށްވާ ޑރ. އަނީތާ ގޯރު، ޑރ. ޒަކިއްޔާ އަހުމަދު އަދި ޑރ. ވަރްޝާ ރެންގަރާޖްއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ އަމާޒަކީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާ އިތުރަށް ފުޅާކޮށް، ދަރިން ހޯދުމަށް އެދޭ އާއިލާތަކުގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި ދެމިތިބުމެވެ.
Ads by MACL
