ވޯލްޑް ކަޕަށް ފުރުމުގެ ކުރިން އީރާން ޓީމުގެ ކުޅުންތެރިން ކީރިތި ޤުރްއާނުގައި ބޮސްދީފި
މިމަހުގެ 11 ގައި ފަށާ ފީފާ ވޯލްޑް ކަޕަށް ފުރުމުގެ ކުރިން، އީރާންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ކީރިތި ގުރުއާނުގައި ބޮސްދީ، ވަރުގަދަ ދީނީ ރޫހެއްގައި ފުރައިފިއެވެ. މި އަސަރުގަދަ މަންޒަރު ފެނިގެންދިޔައީ އުތުރު އެމެރިކާއަށް ދިއުމަށްޓަކައި އީރާނުގެ ކުޅުންތެރިން މަތިންދާބޯޓަށް އެރުމުގެ ކުރިންނެވެ.
އީރާންގެ 'ޓީމް މެލީ' އިން މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ތުރުކީގައި ނިންމާލުމަށްފަހު ފުރަން ދިޔަ ވަގުތު، ކުޅުންތެރިން ގުރުއާން ހިފަހައްޓައިގެން ތިބެ ބޮސްދޭ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. މި މަންޒަރުތަކަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނުއިރު، އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބައެއްގެ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ.
މުސްލިމުންގެ މެދުގައި މުހިންމު ދަތުރުތަކުގެ ކުރިން ގުރުއާނުގައި ބޮސްދިނުމަކީ ރައްކާތެރިކަމާއި، ހިދާޔަތާއި އަދި ކާމިޔާބީއަށް އެދި ކުރެވޭ ދުއާއެއްގެ ރަމްޒެކެވެ. މި އަމަލުން ހާމަވެގެންދިޔައީ އީރާންގެ ސްކޮޑުގެ ކުޅުންތެރިން މި ފަހަރުގެ ވޯލްޑް ކަޕް ކެމްޕޭނާ މެދު ބަހައްޓާ ދީނީ އަދި ރޫހާނީ މާތް ގުޅުމެވެ.
Ads by BMLމިލިއަނުން ގުނާލެވޭ ސަޕޯޓަރުންގެ އުންމީދުތަކާއެކު އީރާން މުބާރާތަށް ކުރިމަތިލާއިރު، އެޓީމުގެ އަމާޒަކީ ދުނިޔޭގެ ފެންވަރުގައި ވަރުގަދަ ކުޅުމެއް ދައްކައި ރަނގަޅު ނަތީޖާތަކެއް ނެރުމެވެ. ގްރޫޕް ސްޓޭޖު ފަހަނައަޅައި ގޮސް ރަނގަޅު ނަތީޖާތަކެއް ހޯދުމަށްޓަަކައި ފާއިތުވި ހަފުތާތަކުގައި އެޓީމުން ވަނީ ތަމްރީނު ކޭމްޕްތަކާއި އެކުވެރިކަމުގެ މެޗުތައް ކުޅެފައެވެ.
ޓީމުގެ ހެޑް ކޯޗާއި ކުޅުންތެރިން ތަކުރާރުކޮށް ފާހަގަކުރަމުންދަނީ އެއްބައިވަންތަކަމާއި، އަހުލާގާއި އަދި ގައުމީ ފަހުރަކީ ތައްޔާރީތަކުގެ މައިގަނޑު އަސާސް ކަމަށެވެ. ފުރުމުގެ ކުރިން ބޭއްވުނު މި ރަސްމިއްޔާތުން ފެނިގެންދިޔައީ ބައިނަލްއަގުވާމީ ފުޓްބޯޅައިގެ އެންމެ ބޮޑު ގޮންޖެހުމާ ކުރިމަތިލާއިރު ޓީމުގައި އޮތް އަޒުމާއި އިތުބާރެވެ.
އީރާން ހިމެނެނީ ގްރޫޕް ޖީ ގައެވެ. މި ގްރޫޕުގައި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހޭއިރު، ސަޕޯޓަރުން އުންމީދު ކުރަނީ ޓީމުގެ ހުނަރާއި، ތަޖުރިބާ އަދި ރޫހުގެ އެހީގައި ހަނދާންތަކުން ފޮހެނުލެވޭ ފަދަ ކުޅުމެއް ފެނިގެންދާނެ ކަމަށެވެ. ކުޅުންތެރިން ފުރައިގެން ދިޔައިރު ފެނުނު އެ މަންޒަރުތަކަކީ އެމީހުންގެ އީމާންތެރިކަމާއި، ސަގާފަތް އަދި ގައުމީ ލޯބި ރަމްޒުކޮށްދިން ވަރުގަދަ ހެއްކެކެވެ.
Ads by MACL
