ކާބޯތަކެތީގެ ރައްކާތެރިކަމަކީ ގޭތެރެއިން ފެށިގެން ޤައުމީ ފެންވަރުގައި އޮންނަންޖެހޭ ތަހުޒީބީ ސިފައެއް: މެޑަމް ސާޖިދާ
ކާބޯތަކެތީގެ ރައްކާތެރިކަމަކީ ގޭތެރެއިން ފެށިގެން، ޤައުމީ ފެންވަރުގައި އޮންނަންޖެހޭ ތަހުޒީބީ ސިފައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމަށް ފ. ނިލަންދޫގައި ބޭއްވި ޚާއްޞަ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ހަމައެކަނި ސިއްޙަތާ ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ޤައުމެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން މަތީ ދަރަޖައަކަށް ކަށަވަރުކުރެވިފައިވާނަމަ، އެކަމުން ހާމަވަނީ އެ ޤައުމެއްގެ ތަހުޒީބީ މިންވަރާއި އިންސާނީ އަޚުލާޤާއި ދިރިއުޅުމުގެ އާދަތައް ހަރުދަނާވެފައިވާ މިންވަރެވެ.
"ކާބޯތަކެތީގެ ރައްކާތެރިކަމަކީ ގޭތެރެއިން ފެށިގެން މުޅި ޤައުމީ ފެންވަރުގައި އޮންނަންޖެހޭ ތަހުޒީބީ ސިފައެއް. ދަނޑުތަކުން ސުފުރާއާއި ހަމައަށް އަންނައިރު ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މުހިއްމު ކަމެއް. ހަމައެކަނި އޮތޯރިޓީއަކުން މަސައްކަތް ކޮށްގެން އެކަމެއް ހާސިލެއް ނުކުރެވޭނެ،" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.
Ads by BMLކާބޯތަކެތީގެ ރައްކާތެރިކަމަށް ކުޑައިރުން ފެށިގެން ކުދިން ހާނުވަންޖެހޭކަން ފާހަގަކުރައްވައި، މެޑަމް ސާޖިދާ ވިދާޅުވީ ގެއާއި ސްކޫލުތަކާއި މުޅި މުޖުތަމަޢުން މިކަމުގައި ބައިވެރިވާންޖެހޭ ކަމަށެވެ. އަދި ޤާނޫނުތަކާއި ޤަވާއިދުތައް ރަނގަޅު ގޮތުގައި ތަންފީޒުކުރުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް އިޝާރާތްކުރައްވައި، އެކަށީގެންވާ ވަޞީލަތްތައް ނެތުމާއި، ފަންނީ މަޢުލޫމާތު ލިބުމުގެ ދަތިކަމާއި، ޤަވާއިދުތައް ތަންފީޒުކުރުމުގައި ހުރި ހުރަސްތައް އެކަމަނާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއެކު ރާއްޖޭގައި އުފައްދާ ކާބޯތަކެތި ބޭރުގެ ބާޒާރުތަކަށް ފޮނުވުމުގެ ފުރުސަތު މިހާރު ފަހިވަމުންދާކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
Ads by MACL
