ކްރެޑިޓް ކާޑު ދަރަނި ނުދައްކައިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު ހޯދަން ފަށައިފި
ކްރެޑިޓް ކާޑުގެ ބޮޑުވަމުންދިޔަ ދަރަންޏެއް ކޯޓުން އެންގި ގޮތަށް އަދާނުކޮށް، ފިލައިގެން އުޅޭ މީހަކު ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރުކުރުމަށްޓަކައި ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފިއެވެ.
އާދިއްތަ ދުވަހު ފުލުހުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ކޯޓު އަމުރަކާ ގުޅިގެން ހޯދަމުންދަނީ ތ. ތިމަރަފުށީ، އިރުދޭމާގެ، އުމުރުން 44 އަހަރުގެ އިސްމާޢީލް މޫސާ ކަމަށެވެ. އޭނާ ހޯދުމަށް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ، އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުނުވުމާ ގުޅިގެން، 8 ޖޫން 2026 ގެ ނިޔަލަށް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށެވެ.
މި މައްސަލައަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑަކަށް ފައިސާ ނުދެއްކުމުން އުފެދިފައިވާ މައްސަލައެކެވެ. ކޯޓުން ކުރިން ކޮށްފައިވާ ޙުކުމުގައި، 26 އޮކްޓޫބަރު 2021 އާ ހަމައަށް އިންޓްރެސްޓާއި ޖޫރިމަނާ ހިމެނޭހެން އޭނާ ބޭންކަށް 24،376.68 ރުފިޔާ ދައްކަންޖެހޭ ކަމަށް ކަނޑައަޅައި، އެ ފައިސާ މަހުން މަހަށް ބަހާލައިގެން ހަ މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާޞްކުރުމަށް އަމުރުކޮށްފައިވެއެވެ.
ނަމަވެސް، އެ ޙުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ބީއެމްއެލް އިން ވަނީ އަލުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ބޭއްވި އަޑުއެހުމުގައި ބޭންކުން ހާމަކުރި ގޮތުގައި، ދަރަނި ނުދައްކައި ގިނަދުވަސްވުމުގެ ސަބަބުން އެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެ، 84،283.26 ރުފިޔާއަށް އަރާފައެވެ. އެ ފަހަރުވެސް ފައިސާ ދެއްކުމަށް ބޭންކުން 12 މަސްދުވަހުގެ ފުރުޞަތެއް ދިނުމަށް އެއްބަސްވުމުން، ކޯޓުން ވަނީ އެގޮތަށް ދަރަނި އަދާކުރުމަށް އަލުން ޙުކުމްކޮށްފައެވެ.
އޭގެ ފަހުންވެސް ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން މިހާރު އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
Ads by MACL
