ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް ވެލާނާ އެއާޕޯޓުގައި ހާއްސަ "ކާމް ރޫމެއް" ހުޅުވައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތް ހޯދާ ފަސިންޖަރުންގެ ތެރެއިން ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން "ކާމް ރޫމެއް" ޓާމިނަލް 1 ގައި މިއަދު ހުޅުވައިފިއެވެ.
މި ހިދުމަތް ފެށުމަށް ބޭއްވި ހަފުލާގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި، އޯޓިޒަމް ކެއާ މޯލްޑިވްސްގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވާއިރު، މިއީ އެއާޕޯޓުން ދަތުރުކުރާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެންމެ އެކަށީގެންވާ އަދި އޯގާތެރި މާހައުލެއް ބިނާކުރުމަށް އެމްއޭސީއެލް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ.
ދުނިޔޭގެ ކުރިއަރާފައިވާ އެހެން އެއާޕޯޓުތަކުގައިވެސް މިފަދަ ފަރާތްތަކަށް ހާއްސަކޮށްގެން ހިންގާ ޕްރޮގްރާމްތަކަށް ބަލައި ފަރުމާކޮށްފައިވާ މި ކާމް ރޫމުގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ ގުޅޭ ތަފާތު ސެންސަރީ ވަސީލަތްތަކާއި ހަރަކާތްތައް ވަނީ ހިމަނާފައެވެ. މީގެއިތުރުން، އެތަނަށް ވަންނަ ފަސިންޖަރާއެކު އަންނަ އެހީތެރިއަކަށްވެސް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމު އެތަނުގައި ވަނީ ތަނަވަސްކޮށްދީފައެވެ.
އެމްއޭސީއެލް އިން ހާމަކުރި ގޮތުގައި މި ހިދުމަތަށް އެދޭ ފަރާތްތަކަށް ހާއްސަ ލެންޔާޑަކާއި ކާޑެއް ދޫކުރެވޭނެއެވެ. މި ލެންޔާޑުގެ އެހީގައި، އެއީ ހާއްސަ އެހީތެރިކަމެއް ބޭނުންވާ ފަސިންޖަރެއްކަން އެއާޕޯޓުގެ މުވައްޒަފުންނަށް ފަސޭހައިން ދެނެގަނެވި، ވީހާވެސް އަވަސް އަދި ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.
އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކަކީވެސް، އެއްވެސް ތަފާތުކުރުމެއް ނެތް ގޮތެއްގައި ކޮންމެ ފަސިންޖަރަކަށްމެ ފަސޭހަކަމާއެކު ބޭނުންކުރެވޭނެ، ފެންވަރު ރަނގަޅު ހިދުމަތްތަކަކަށް ހެދުން ކަމަށް އެމްއޭސީއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.
Ads by MACL
