ބޮޑު ހަމަނުޖެހުމެއް ހިނގި މެޗުގައި ރާއްޖެއާއި ބަންގްލަދޭޝް އެއްވަރު، ފައިނަލްގެ ފަހު ޖާގަ އަފްގާނަށް
މިރޭގެ މެޗަށް ރާއްޖޭން ނުކުތީ ފުރަތަމަ ކުޅުނު ދެ މެޗުންވެސް ބަލިވެ، މުބާރާތުން ކަޓާފައި އޮވެގެންނެވެ. ރާއްޖެ ފުރަތަމަ މެޗުގައި އަފްގާނިސްތާން އަތުން 1-0 އިން ބަލިވިއިރު، ދެވަނަ މެޗުގައި ޕާކިސްތާން އަތުން ބަލިވީ 3-0 އިންނެވެ. އަނެއްކޮޅުން ބަންގްލަދޭޝްއަށް މި މެޗުން މޮޅުވެގެން ފައިނަލަށް ދިއުމުގެ ފުރުސަތު އޮތް ނަމަވެސް، އެޓީމު ވަނީ ކުޅުނު ތިން މެޗުންވެސް އެއްވަރުވެ ތިން ޕޮއިންޓާއެކު ތިންވަނައިގައި ނިންމާލަން ޖެހިފައެވެ.
ގައުމީ ދަނޑުގައި ކުޅުނު މި މެޗުގެ 13 ވަނަ މިނެޓުގައި ރާއްޖޭން ވަނީ ލީޑު ނަގާފައެވެ. މިއީ އަހުމަދު އައިހަމް (ފަތޯ) ތަނަވަސްކޮށްދިން ފުރުސަތެއްގައި އަބްދުﷲ ލޫތު އިބްރާހީމަށް ބަންގްލަދޭޝްގެ ޑިފެންޑަރު ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކުރި ގޯލެކެވެ. ނަމަވެސް ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި ބަންގްލަދޭޝްއަށް ލިބުނު ޕެނަލްޓީއަކުން މިރާޖުލް އިސްލާމް ވަނީ ނަތީޖާ އެއްވަރުކޮށްދީފައެވެ.
މެޗުގެ ފަހު ވަގުތުކޮޅުގައި ދަނޑުމަތީގައި ބޮޑު ހަމަނުޖެހުމެއް ހިނގާފައިވެއެވެ. ބަންގްލަދޭޝްގެ ބެންޗުން މިރާޖުލްއަށާއި އަލް އަމީނަށް ރަތް ކާޑު ދެއްކިއިރު، ދެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކާއި ފިިޒިކަލް ކުރިމަތިލުންތަކެއް ހިނގިއެވެ. އަދި ބައެއް ސަޕޯޓަރުން ދަނޑަށް އަރައި ހަމަލާދޭން އުޅުނު މަންޒަރުވެސް ވަނީ ފެނިގެން ގޮސްފައެވެ.
މި މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާނީ ތިން މެޗުން ހަތް ޕޮއިންޓާއެކު އެއްވަނަ ހޯދި ޕާކިސްތާނާއި، ހަތަރު ޕޮއިންޓާއެކު ދެވަނަ ހޯދި އަފްގާނިސްތާނެވެ. ރާއްޖެއަށް ތިން މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ.
Ads by MACL
