ދުޅަހެޔޮ ކަނޑުތަކަކީ ދިވެހިންގެ ދިރިއުޅުމާއި އިޤްތިޞާދުގެ މައިނާރު: ރައީސް
ދުޅަހެޔޮ ކަނޑުތަކަކީ ދިވެހިންގެ ދިރިއުޅުމާއި އިޤްތިޞާދުގެ މައިނާރުކަމުގައި ރައީސް މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަނޑުތަކުގެ ދުޅަހެޔޮކަމަކީ ދިވެހިންގެ ދިރިއުޅުމާއި، ކާނާގެ ރައްކާތެރިކަމާއި، އަދި ޤައުމުގެ އިޤްތިޞާދާ ސީދާ ގުޅިފައިވާ، ދިވެހިންނާ ނުހަނު ގާތް މުހިންމު ކަމެއްކަމަށެވެ.
ކަނޑުތައް ހިމާޔަތްކުރުމަކީ ހަމައެކަނި ތިމާވެށީގެ ވާހަކައެއް ނޫން ކަމަށާއި، އެއީ ދިވެހި ބިމާއި ރައްޔިތުންގެ މުސްތަޤްބަލާ ގުޅިފައިވާ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުގެ މާޙައުލު ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން ދުރުރާސްތާގެ ދެމެހެއްޓެނިވި ސިޔާސަތުތަކެއް ކުރިއަށް ނެރުއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން، ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމާއި، ކަނޑުގެ ދިރާސާތައް ވަރުގަދަކުރުމާއި، ފަރުތަކުގެ ދުޅަހެޔޮކަން މޮނިޓަރކޮށް މުރަކަ އާލާކުރުމުގެ މަޝްރޫޢުތައް ހިންގުން ހިމެނެއެވެ.
މީގެ އިތުރުން، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ހެކިތަކުގެ މައްޗަށް ބިނާކޮށް ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް ވިދާޅުވިއެވެ.
https://twitter.com/MMuizzu/status/2063810826600055066ދުނިޔޭގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން ކަނޑުތައް ހޫނުވެ، ފަރުތައް ހުދުވުމާއި، އަދި ރަށްގިރުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ، ކަނޑުތައް ހިމާޔަތްކުރުމުގެ މަސައްކަތް މިހާރަށްވުރެ އަވަސްކުރަންޖެހޭ ކަމަށް ރައީސް ބާރުއެޅުއްވިއެވެ. އަދި މިކަމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުންދީ، އެންމެން ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޕޯސްޓްގައި މުޅި ދުނިޔެއަށް ގޮވާލައްވާފައެވެ.
Ads by MACL
