ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދަށު ކޯޓުން ސަލާމަތްވި މީހެއްގެ ހުކުމް ހައި ކޯޓުން ބާތިލްކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދަށު ކޯޓުން ސަލާމަތްވި މީހެއްގެ ހުކުމް ހައި ކޯޓުން ބާތިލްކޮށްފި

އަންހެން ދޮންދަރިއަކަށް ތަކުރާރުކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ ތަހުގީގު ކުރުމުގެ މުއްދަތު ހަމަވިފަހުން ކަމަށް ބުނެ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ބޭރުކޮށްލި ހުކުމް ގާނޫނާ ހިލާފު ކަމަށް ނިންމައި ހައި ކޯޓުން އެ ނިންމުން ބާތިލްކޮށްފިއެވެ.

ދަށު ކޯޓުން މައުޟޫއީ ގޮތުން މައްސަލަ ނުބަލައި، ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހާ މިނިވަންކުރަން ކުރި އަމުރު ބާތިލްކުރުމަށްފަހު ހައި ކޯޓުން ވަނީ މި މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް އަންގާފައެވެ.

މި މައްސަލައިގައި ދަށު ކޯޓުގެ މެޖިސްޓްރޭޓް އަމިއްލަ އިސްނެގުމަކަށް ތަހުގީގީ މުއްދަތާ ގުޅޭގޮތުން ސުވާލު އުފައްދައި، ދައުވާ ފޯމް ބާތިލްކުރަން ނިންމި ނިންމުމަށް ހައި ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ، މައްސަލައެއްގައި ފާޅުކަން ބޮޑު ގާނޫނީ އޮޅުމެއްވާނަމަ ހަސްމުންގެ ބަސް ހޯދުމަށްފަހު ފަނޑިޔާރަށް ގޮތެއް ނިންމިދާނެ ކަމަށެވެ. ނަމަވެސް، މި މައްސަލައިގެ ތަހުގީގީ މުއްދަތު ގުނުމުގައި މެޖިސްޓްރޭޓަށް ގާނޫނީ ގޮތުން ބާރު ދީފައިވާ ކަމަށް ހައި ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ ހުއްދައާއެކު ތަހުގީގު ނިންމަން ފުލުހުންނަށް ލިބުނު 45 ދުވަހުގެ މުއްދަތަށް ބަލާއިރު، މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ މެއި 8، 2022 ކަމަށް ވީނަމަވެސް، ފުލުހުން ތަހުގީގު ފުރިހަމަކޮށް އޭގެ އެއްދުވަސް ކުރިން އެ އޮފީހަށް މައްސަލަ ފޮނުވާފައިވާކަން ލިޔެކިޔުންތަކުން އެނގެއެވެ. އެހެންކަމުން، ދައުވާކުރުމުގައި ގާނޫނީ މުއްދަތު ފާއިތުވެފައިވާ ކަމަށް ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މިއީ 2022 ވަނަ އަހަރު ދަށު ކޯޓަށް ހުށަހަޅައި، 2023 ވަނަ އަހަރު އެ ކޯޓުން ގޮތެއް ނިންމި މައްސަލައެކެވެ. ދައުލަތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މައްސަލަ ބަލައި ނިންމާފައިވަނީ އިއްޔެއެވެ.