އެކަހެރި މަކުނުދޫގެ ދަތުރުފަތުރުގެ ތަކުލީފުތަކަށް ނިމުމެއް: އެއާޕޯޓުގެ މަސައްކަތް ފަށައިފި
ހދ. އަތޮޅުގެ އެހެން ރަށްތަކާ ވަކިން އެކަހެރިކޮށް އޮތުމުގެ ސަބަބުން ދަތުރުފަތުރުގެ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ މަކުނުދޫ ރައްޔިތުންގެ ޒަމާންވީ އުންމީދުތަކުގައި ކުލަޖައްސައިދެމުން، އެ ރަށުގައި ތަރައްޤީކުރާ ޑޮމެސްޓިކް އެއާޕޯޓުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫއަކީ ހާއްސަކޮށް ސިއްޙީ ކުއްލި ފަރުވާ ބޭނުންވާ ދަނޑިވަޅުތަކުގައި، އެ ސަރަހައްދުގެ ކަނޑުގަދަވުމުގެ ސަބަބުން ބަލި މީހުން އުފުލުމަށް މަކުނުދޫ ރައްޔިތުން އުފުލަމުންދިޔަ ބޮޑު ނުރައްކަލަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. ރާއްޖޭގެ އެހެން ހިސާބުތަކުގެ ކަނޑުތައް މަޑު ދުވަސްވަރުގައިވެސް މަކުނުދޫ ބޭރު ކަނޑަކީ އަބަދުވެސް ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮންނަ ބިރުވެރި ސަރަހައްދެކެވެ.
އެއާޕޯޓް އެޅުމަށް ބޭނުންވާ 43.12 ހެކްޓަރުގެ ބިން ހިއްކުމާއި، އެ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި 3،493 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ބިގް ފިޝް މޯލްޑިވްސްއާ ހަވާލުކޮށްގެން ފެށީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. ބިން ހިއްކުމުގެ ބައި އެއްކޮށް ނިމުމުން، އެމްޓީސީސީން މިހާރު ކުރިއަށްގެންދަނީ އެއާޕޯޓުގެ ރަންވޭއާއި ޓާމިނަލް ހިމެނޭ އިމާރާތްތަކުގެ މަސައްކަތްތަކެވެ. މީގެ ތެރޭގައި ސައިޓް ސެޓަޕް ހެދުމާއި، ފަޔަރ ސްޓޭޝަން އެޅުމަށް ބޭނުންވާ ސަރަހައްދު ސާފުކޮށް ބިން ކޮނުމުގެ މަސައްކަތްތައް ހިމެނެއެވެ.
މި އެއާޕޯޓް އެންމެ ފުރަތަމަ ފަރުމާކޮށްފައިވަނީ 1،500 މީޓަރުގެ ރަންވޭއަކާއެކު ކަމަށްވީ ނަމަވެސް، ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ރަންވޭ އިތުރަށް ބޮޑުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. އެގޮތުން 2024 ވަނަ އަހަރު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވިދާޅުވެފައިވަނީ މަކުނުދޫގައި ތަރައްޤީކުރާނީ 1،800 މީޓަރުގެ ރަންވޭއެއް ކަމަށެވެ.
މި މަޝްރޫއުގެ ހުރިހާ މަސައްކަތްތަކެއް ނިމުމުން އެއާޕޯޓް ހިންގުން ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ. މިހާރުވެސް ހދ. އަތޮޅުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ކުޅުދުއްފުށީ އެއާޕޯޓުން ޚިދުމަތް ދެމުންދާއިރު، މަކުނުދޫ އެއާޕޯޓާއެކު އެ އަތޮޅުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.
Ads by MACL
