ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސިއްހީ ސަބަބުތަކަށްޓަކައި ޒަމީރު އިސްތިއުފާ ދެއްވީ، ގައުމީ ފިކުރުގައި ސަރުކާރާއެކު ސާބިތުކަމާއެކު ހުންނަވައިގެން!

ސިއްހީ ސަބަބުތަކަށްޓަކައި ޒަމީރު އިސްތިއުފާ ދެއްވީ، ގައުމީ ފިކުރުގައި ސަރުކާރާއެކު ސާބިތުކަމާއެކު ހުންނަވައިގެން!

ފިނޭންސް މިނިސްޓަރުގެ މަގާމުން މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވީ، ސަރުކާރުން ގައުމުގެ ކުރިއެރުމަށް ކުރާ މުހިންމު މަސައްކަތްތަކަށް ފުރިހަމައަށް ތާއީދުކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގައުމީ ސިޔާސީ ފިކުރުގައި ދެމިހުންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަމާ އެކުގައިކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

މި ނިންމެވުމަކީ ބައެއް ފަރާތްތަކުން ފަތުރަމުންދާ ދޮގު ހަބަރުތަކާ ހިލާފަށް، ރައީސް އަންގަވައިގެން ނިންމެވި ނިންމެވުމެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ޒަމީރުގެ އަމިއްލަ ސިއްހީ ހާލަތު ހުރި ގޮތުން ނިންމެވި ނިންމެވުމެއް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

އިސްތިއުފާގެ ސިޓީގައި ޒަމީރު ބަޔާންކުރައްވާފައިވަނީ ފާއިތުވި އަހަރުން ފެށިގެން ސިއްހީ ބޮޑެތި ފަރުވާތަކެއް ހޮސްޕިޓަލުގައި އެޑްމިޓްވެގެން ހޯއްދަވަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން، ދައުލަތުގެ އެންމެ މުހިންމު އެއް މިނިސްޓްރީގެ ޒިންމާދާރު މަގާމަށް ދޭންޖެހޭ ފުރިހަމަ ވަގުތާއި ސަމާލުކަން ނުދެވިދާނެތީ، ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ މަގާމުން ދުރުވުން ކަމަށް ގަބޫލުކުރައްވައި އިސްތިއުފާ ދެއްވީ ކަމަށް ވިދާޅުވެ، އޭނާ ވަނީ ސަރުކާރަށް އޮތް އިހުލާސްތެރިކަން ހާމަކުރައްވައިފައެވެ.

ޒަމީރު މި ސަރުކާރުގެ ފޮރިން މިނިސްޓަރުކަމާއި ފިނޭންސް މިނިސްޓަރުކަމުގެ މަގާމުގައި ކުރެއްވި ބުރަ އަދި އަގުހުރި ހިދުމަތްތައް ސަރުކާރުން ވަނީ ނުހަނު މަތީ ދަރަޖައަކަށް ބަލައިގަނެ، އެކަމަށް ޝުކުރު އަދާކޮށްފައެވެ. ހާއްސަކޮށް ފިނޭންސް މިނިސްޓަރުކަމުގައި ހުންނަވައިގެން، ރާއްޖޭގެ މާލީ ހާލަތު ވަރުގަދަކުރުމަށް ކުރެއްވި ކާމިޔާބު މަސައްކަތްތަކުގެ ތެރޭގައި، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރުމާއި، މިދިޔަ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސޮވެރިން ސުކޫކް ކާމިޔާބުކަމާއެކު ދައްކާ ހަލާސްކުރުން ހިމެނެއެވެ.

މަގާމުން ވަކިވެވަޑައިގެންނެވި ނަމަވެސް، ކުރިއަށް އޮތް ތަނުގައި ވެސް ރައީސް މުއިއްޒުގެ ހަރުދަނާ ސިޔާސަތުތަކަށާއި ގައުމީ ތަރައްގީގެ ތަސައްވުރަށް ދެވެން އޮތް އެންމެ ފުރިހަމަ އެއްބާރުލުމެއް އިޖާބީ ގޮތެއްގައި ދެއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ޒަމީރު ވަނީ ތަކުރާރުކުރައްވައިފައެވެ.