ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހަސަން ޒަރީރް: ރާއްޖޭގެ މާލީ ސިޔާސަތަށް ފަރިތަ، އިލްމީ ގޮތުން ގާބިލް ތަޖުރިބާކާރު ބޭފުޅެއް!

މާލީ ވަޒީރު ހަސަން ޒަރީރް
މާލީ ވަޒީރު ހަސަން ޒަރީރް

ދިވެހިރާއްޖޭގެ އިގްތިސާދީ މުސްތަގުބަލު ބައްޓަންކުރުމުގައި މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ދައުރަކީ ނުހަނު މުހިންމު ދައުރެކެވެ.

މިގޮތުން، މިނިސްޓަރ އޮފް ފައިނޭންސްގެ މަގާމަށް އައްޔަންކުރެއްވި އަލްފާޟިލް ހަސަން ޒަރީރަކީ ރާއްޖޭގެ މާލީ އަދި އިގްތިސާދީ ދާއިރާގައި ނުހަނު އިހުތިރާމް ލިބިވަޑައިގެންފައިވާ، އިލްމީ ގޮތުންނާއި އަމަލީ ތަޖުރިބާގެ ގޮތުން ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

ހަސަން ޒަރީރަކީ އެކައުންޓިންގ އަދި ފައިނޭންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ޗާޓަރޑް ސާޓިފައިޑް އެކައުންޓެންޓްސް (ACCA) ގެ ފެލޯ މެންބަރެއްގެ ޝަރަފު ހޯއްދަވާފައެވެ.

މާލީ ދާއިރާގައި 25 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޒަރީރް ވަނީ ދައުލަތުގެ މުހިންމު އެތައް މަގާމުތަކެއް ފުރުއްވާފައެވެ.
އޭނާގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް މަގާމަކީ މީރާ (MIRA) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމެވެ.

މި މަގާމުގައި ހުންނަވައިގެން ރާއްޖޭގެ ޓެކްސްގެ ނިޒާމު ހަރުދަނާކުރުމަށާއި، ދައުލަތަށް އާމްދަނީ ހޯދުމުގެ ނިޒާމު އައު ހަރުފަތަކަށް ގެންދިއުމަށް އޭނާ ކުރެއްވި މަސައްކަތްތަކަކީ އެންމެން ބަލައިގަންނަ ކަންކަމެވެ.

މީގެ އިތުރުން، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި އެކި ކުންފުނިތަކުގެ ބޯޑު މެންބަރުކަން ވެސް އޭނާ ވަނީ ފުރުއްވާފައެވެ. ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ ބޯޑު މެމްބަރުކަން ކުރައްވާފައިވާއިރު، މިއަދާއި ހަމައަށް ޒަރީރް ހުންނެވީ، މީރާގެ ޓެކްސް ކޮމިޝަނަރުގެ މަގާމުގައެވެ.

ހަސަން ޒަރީރް މާލީ ވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތުމަކީ ރާއްޖޭގެ މާލީ ސިޔާސަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އޭނާއަކީ ދައުލަތުގެ ބަޖެޓު ތައްޔާރުކުރުމާއި، ދަރަނި މެނޭޖްކުރުމުގެ އިތުރުން އިގްތިސާދީ އިސްލާހީ ބަދަލުތައް ގެނައުމުގައި ނުހަނު ކުޅަދާނަ ބޭފުޅެކެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކާއި އާމްދަނީ އިތުރުކުރާނެ އައު ގޮތްތައް ބައްޓަންކުރުމުގައި އޭނާގެ ތަޖުރިބާގެ ބޭނުން ފުރިހަމައަށް ހިފޭނެ ކަމަށް އިގްތިސާދީ މާހިރުން ގަބޫލުކުރެއެވެ.

ޚާއްސަކޮށް، ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު ގުޅުން ބަދަހިކޮށް، ރާއްޖޭގެ މާލީ ދާއިރާއަށް ބޭނުންވާ އިތުބާރު ހޯދައިދިނުމުގައި ޒަރީރްގެ ދައުރު ވަރަށް ބޮޑުވާނެއެވެ.

އޭނާގެ މަސައްކަތުގެ ވައްޓަފާޅި ހުންނަނީ އިލްމީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ނަތީޖާ ނެރެވޭނެ ގޮތަށްކަމަށް މާލީ ތަޖުރިބާކާރުން ވަނީ ފާހަގަކޮށްފައެވެ.

ހަސަން ޒަރީރަކީ ހަމައެކަނި މާލީ ވަޒީރެއް ނޫނެވެ. އޭނާއަކީ ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އެޅުވުމަށް ބޭނުންވާ އިލްމާއި ހިކުމަތްތެރިކަން ލިބިވަޑައިގެން ހުންނެވި ގާބިލު ލީޑަރެކެވެ. އޭނާގެ އިރުޝާދުގެ ދަށުން ރާއްޖޭގެ މާލީ ސިޔާސަތުތައް އިތުރަށް ހަރުދަނާވެ، ގައުމުގެ އިގްތިސާދީ ދުވެލި ހަލުވިވެގެންދާނެ ކަމީ ދިވެހި ރައްޔިތުން ކުރާ ވަރަށް ބޮޑު އުއްމީދެކެވެ.