މީދޫ ކައުންސިލް ރައީސް ހޮވުމުގެ ދެވަނަ ބުރުގެ ވޯޓާސް ލިސްޓުގައި ސޮއިކުރުން މާދަމާ ފަށަނީ
ދ. މީދޫ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ކައުންސިލް ބައި-އިލެކްޝަންގެ އިތުރުބުރުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުޞަތު މާދަމާ ހެނދުނު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގެ ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 1:30 ގެ ނިޔަލަށެވެ.
މި މަސައްކަތް ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒުގައި ކަމަށްވާއިރު، ރަޖިސްޓަރީގައި ސޮއިކުރުމުގެ ފުރުޞަތު ކެންޑިޑޭޓުންގެ އިތުރުން ކެންޑިޑޭޓުން ކަނޑައަޅާ މަންދޫބުންނަށްވެސް ވަނީ ހުޅުވާލާފައެވެ.
ކެންޑިޑޭޓުގެ ބަދަލުގައި އެހެން ފަރާތަކުން ސޮއިކުރަންދާނަމަ، އެކަން ބަޔާންކޮށް ކެންޑިޑޭޓު ސޮއިކޮށްފައިވާ އިގުރާރު ސިޓީއަކާއި، ކެންޑިޑޭޓުގެ އައިޑީކާޑު ކޮޕީއެއް ހުށަހަޅަންޖެހެއެވެ. އަދި ބަދަލުގައިދާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު އެ ސިޓީގައި ސާފުކޮށް އެނގެން އޮންނަންޖެހޭނެ ކަމަށްވެސް ކޮމިޝަނުން ބުނެއެވެ.
މީގެ އިތުރުން ސޮއިކުރަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކުވެސް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. މި އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖޫން މަހުގެ 13 ވާ ހޮނިހިރު ދުވަހުއެވެ.
Ads by MACL
