ސައިކަލަކުން ޖެހި އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ
އައްޑޫސިޓީ ބޮޑުމަގުގައި މިދިޔަ އާދިއްތަ ދުވަހު ނުގަވައިދުން ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބި، އައިސީޔޫގައި ފަރުވާދެމުންދިޔަ މީހަކު މިއަދު ނިޔާވެއްޖެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން އައްޑޫސިޓީ ހިތަދޫއަށް ނިސްބަތްވާ ރަމީޒް އަބްދުﷲ އެވެ. އެކްސިޑެންޓްވީ ވަގުތު އޭނާގެ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އާއިލާއިން ކުރިންވެސް ވަނީ ހާމަކޮށްފައެވެ.
މި އެކްސިޑެންޓް ހިނގި ވަގުތުން ފެށިގެން ރަމީޒުގެ ހާލަތު ވަރަށް ނާޒުކުވުމުން، އެންމެ ފުރަތަމަ އޭނާއަށް ކުއްލި ފަރުވާ ދީފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ. ނަމަވެސް ސިއްހީ ހާލަތަށް އެދެވޭ ބަދަލެއް ނައުމުގެ ސަބަބުން، އިތުރު ފަރުވާއަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ބާއްވައިގެން ވެސް ފަރުވާދީފައިވެއެވެ.
މި ހާދިސާ ހިނގި ގޮތުގެ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރަމީޒު ދުއްވަމުންދިޔަ ސައިކަލުގައި ބާރަށް ގޮސް ޖެހިފައިވަނީ މަގުގެ ނުގަވައިދު ފަޅިން ދުއްވާފައި އައި އެހެން ސައިކަލެކެވެ.
Ads by MACL
