ވޯލްޑް ކަޕްގައި ރެފްރީކަން ކުރަން ހޮވުނު ސޯމާލިއާގެ އުމަރު އާރްތަން އެމެރިކާއަށް އެތެރެވުން މަނާކޮށްފި
ފީފާ ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމަށް ހޮވާފައިވާ ސޯމާލިއާގެ މަޝްހޫރު ރެފްރީ އުމަރު އާރްތަން އެމެރިކާގެ ސަރަހައްދަށް އެތެރެވުން އެގައުމުގެ ކަމާބެހޭ ފަރާތްތަކުން މަނާކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ އޭނާ އެމެރިކާއަށް އެތެރެވުމަށް މަސައްކަތް ކުރި ވަގުތުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާރްތަންއަށް ވިސާ ހޯދުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިވިއެވެ. މި ދަތިތަކުން ސަލާމަތްވުމަށް ސޯމާލިއާގެ އެމްބަސީގެ އެހީތެރިކަމާއެކު އޭނާއަށް ވަނީ ޑިޕްލޮމެޓިކް ޕާސްޕޯޓެއް ހޯދައިދީފައެވެ. ނަމަވެސް އެމެރިކާގެ އިދާރާތަކުން ނިންމާފައިވަނީ އެއީ އެގައުމަށް އެތެރެވުމަށް ފުދޭވަރުގެ ލިޔެކިޔުމެއް ނޫން ކަމަށެވެ.
އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އުމަރު އާރްތަން އެގައުމަށް އެތެރެވުމުގެ ހުއްދަ ނުދީ، ވަގުތުން ވަނީ އަނބުރާ ފޮނުވާލާފައެވެ. މިއީ ކުރިއަށް އޮތް ބައިނަލްއަގުވާމީ މުބާރާތްތަކުގައި އޭނާގެ ބައިވެރިވުމާ މެދު ސުވާލު އުފެދިފައިވާ ކަމެކެވެ.
އުމަރު އާރްތަންއަކީ އެފްރިކާގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ރެފްރީއެކެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ އެފްރިކަން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޕިރަމިޑްސް އެފްސީ އާއި މަމެލޯޑީ ސަންޑައުންސް ބައްދަލުކުރި ދެވަނަ ލެގުގެ މެޗުގައި ރެފްރީކަން ކޮށްފައެވެ. މީގެ އިތުރުން، ސީ.އޭ.އެފް އިން ވަނީ އޭނާއަކީ 2025 ވަނަ އަހަރުގެ އެފްރިކާގެ އެންމެ މޮޅު ރެފްރީގެ ގޮތުގައި ހޮވާފައެވެ.
Ads by MACL
