ޝައްމާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުން މާދަމާއަށް ތާވަލުކޮށްފި
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދުގެ މައްޗަށް ދައުލަތުން ކުރާ ޖިނާއީ ބޮޑެތި ދައުވާތަކުގެ ހުކުމް އިއްވުން މާދަމާ ހަވީރު 4:00 އަށް ކޯޓުގައި ތާވަލުކޮށްފިއެވެ.
މި މައްސަލައިގެ ހުކުމް ކުރުން މީގެ ކުރިން ފަސްކޮށްފައިވަނީ ޝައްމާންގެ ފަރާތުން އެދިގެން ކަމަށްވާއިރު، މާދަމާ އޭނާގެ މައްޗަށް އިއްވާނީ ފޭރުމުގައި ބައިވެރިވުމާއި، މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ހުކުމެވެ. ނަމަވެސް، ޝައްމާން ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރާ މި ހުރިހާ ދައުވާތަކަކަށް ކޯޓުގައި އިންކާރު ކުރައްވާފައެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި ޝައްމާންގެ މައްޗަށް ކުރެވޭ އެންމެ ބޮޑު އެއް ތުހުމަތަކީ ބިދޭސީއެއްގެ އަތުން ބައި މިލިއަން ރުފިޔާ ފޭރުނު މައްސަލައެވެ. އެ ފައިސާގެ ތެރެއިން ބައެއް އަމިއްލަ ބޭނުމަށް ބެހެއްޓުމަށްފަހު، ބާކީ ހުރި ފައިސާ ބޭނުންކުރީ އޭނާ ނަގާފައިވާ ސްޓޫޑަންޓް ލޯނެއް ދެއްކުމަށް ކަމަށް ދައުލަތުގެ ދައުވާގައި ބަޔާންކޮށްފައިވެއެވެ. އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ އެންމެ މަތީ މަގާމުގައި ހުންނަވަނިކޮށް، ބިދޭސީންގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ އަތުލުމަށްފަހު އެމީހުން ބަންދުން ދޫކޮށްލާ ކަމުގެ ތުހުމަތުގައެވެ.
މި މައްސަލައިގެ ދިފާއުގައި ޝައްމާންގެ އާއިލާގެ މެންބަރުން ކަމަށްވާ އޭނާގެ މަންމައާއި ބައްޕަގެ އިތުރުން އަންހެނުން ވެސް ވަނީ ކޯޓުގައި ހެކިބަސް ދީފައެވެ. އާއިލާގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ ޝައްމާންގެ ސްޓޫޑަންޓް ލޯނަށް ފައިސާ ދައްކާފައިވަނީ އޭނާގެ ބައްޕަ ދިން ހަލާލު ފައިސާއިން ކަމަށެވެ. މި މައްސަލައިގައި ހިމެނޭ ބައެއް އެހެން މީހުން ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުން ހަދައި ލުއި އަދަބުތަކެއް ހޯދާފައިވާއިރު، ޝައްމާން ވަނީ "ވާނުވާ" ބަންދުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބަންދުން މިނިވަންވެފައެވެ. ބަންދުން ދޫކޮށްލި ފަހުން އޭނާ ގެންދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔަމުންނެވެ.
Ads by MACL
