ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފީފާ އޮތީ ޓްރަމްޕްގެ ނުފޫޒުގެ ދަށުވެފައި، މުޅި ވޯލްޑް ކަޕްގެ މަސްލަހަތު ވަނީ ގެއްލިފައި

ފީފާ އޮތީ ޓްރަމްޕްގެ ނުފޫޒުގެ ދަށުވެފައި، މުޅި ވޯލްޑް ކަޕްގެ މަސްލަހަތު ވަނީ ގެއްލިފައި

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނުފޫޒަށް ބޯލަނބައި، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް އަކީ ޓްރަމްޕްގެ ސަރުކާރާއި އޭނާގެ ފިކުރު ފެތުރުމަށް ބޭނުންކުރާ ޕްރޮޕެގެންޑާ ވަސީލަތަކަށް ހަދަމުންދާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

މި މައްސަލަ ހޫނުވެފައިވަނީ މިފަހަރު އެމެރިކާގައި ބާއްވަން ތައްޔާރުވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު ފުޓުނޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕާއި ދިމާކޮށް ގިނަ ޓީމުތަކަކާއި އޮފިޝަލުންނަށް އެމެރިކާއަށް ވަނުމައް ހުރަސް އަޅަމުންދާތީއެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، ޓްރަމްޕަށް "ފީފާ ޕީސް އެވޯޑް" ވެސް އެރުވާފައިވާއިރު، އެމެރިކާއިން މިފަހަރުގެ މުބާރާތާއި ދިމާކޮށް ދައްކަމުން އަންނަނީ ވަރަށް ހަޑި އަދި ހުތުރު ނަމޫނާއެކެވެ. މުޅި ދުނިޔޭގެ ފާޑުކިޔުން ފީފާއަށާއި އެމެރިކާގެ ރައީސް ޓްރަމްޕަށް އަންނަނީ އަމާޒުވަމުންނެވެ.

މުބާރާތުގެ ކުރިން އަޅަމުންގެންދާ ހަރުކަށި ފިޔަވަޅުތައް


ވޯލްޑް ކަޕް ފެށުމަށް ހަ މަސް ދުވަހަށް ވެފައިވަނިކޮށް، އެމެރިކާ ސަރުކާރުން ވަނީ ބައިނަލްއަގުވާމީ ކުޅިވަރުގެ ރޫހާ ހިލާފު ބައެއް ފިޔަވަޅުތައް އަޅަން ފަށާފައެވެ. އޭގެ ތެރޭގައި އީރާންގެ ގައުމީ ޓީމު އެމެރިކާގައި ނިދުމާއި ފަރިތަކުރުންތައް ކުރިއަށް ގެންދިއުން މަނާކުރުން ހިމެނެއެވެ. މީގެ އިތުރުން އިރާގުގެ ގައުމީ ޓީމުގެ ތަރިއަކާއި ޓީމުގެ ރަސްމީ ފޮޓޯގްރާފަރު ހިފަހައްޓައި ސުވާލުކޮށްފައިވާއިރު، ފޮޓޯގްރާފަރު ވަނީ އެމެރިކާއިން ޑީޕޯޓްކޮށްލާފައެވެ.

މި ހާދިސާތަކުގެ އިތުރުން، ފީފާ އިން ވޯލްޑް ކަޕަށް ހޮވި އެފްރިކާގެ އެންމެ މޮޅު ރެފްރީއަށް ވެސް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުދީ ވަނީ އަނބުރާ ފޮނުވާލާފައެވެ. މި ކަންކަމަކީ ކުޅިވަރުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ފީފާގެ ދައުރާމެދު އުފެދޭ ސުވާލުތައް


ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ފީފާ އޮތީ ޓްރަމްޕްގެ ކުރިމަތީގައި ކުޑަކަކޫޖަހައިގެންނެވެ. ވޯލްޑް ކަޕް އަދި ރަސްމީކޮށް ނުފެށުނު ކަމުގައިވިޔަސް، ޓްރަމްޕްގެ ގެންގުޅުއްވާ "ފެސިޒަމް" ގެ ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ މަސްލަހަތު ގެއްލެމުންދާ ކަމަށް އެފަރާތްތަކުން ތުހުމަތު ކުރެއެވެ. މި މުބާރާތަކީ ކުޅިވަރުގެ އުސޫލުތަކަށްވުރެ ބޮޑަށް ވަކި ފިކުރެއް ކުރިއެރުވުމަށް ބޭނުންކުރާ ސިޔާސީ ހަރަކާތަކަށް ވެދާނެ ކަމުގެ ބިރު މިހާރު ވަނީ އުފެދިފައެވެ.