ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިފްކޯއިން ކަޅުބިލަ މަސް ގަންނަ އަގު 48 ގަޑިއިރުތެރޭ ދެވަނަ ފަހަރަށް ބޮޑުކޮށްފި

މިފްކޯއިން ކަޅުބިލަ މަސް ގަންނަ އަގު 48 ގަޑިއިރުތެރޭ ދެވަނަ ފަހަރަށް ބޮޑުކޮށްފި

ސަރުކާރުގެ މަސް ކުންފުނި (މިފްކޯ) އަށް ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު 18 ރުފިޔާ 50 ލާރިއަށް ބޮޑުކުރިތާ 48 ގަޑިއިރު ވެސް ނުވަނީސް، އެ އަގު މިއަދު އަނެއްކާވެސް 20 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

މިފްކޯއިން ކޮންމެ ދުވަހަކު ވެސް މަސް ގަންނަ އަގުތައް އާންމުކުރަމުންދާއިރު، މީގެ 48 ގަޑިއިރު ކުރިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ކުންފުނީގެ ހުރިހާ ބަނދަރަކުން ވެސް ކަޅުބިލަ މަސް ގަނެފައިވަނީ ކިލޯއެއް 18 ރުފިޔާ 50 ލާރިއަށެވެ. ނަމަވެސް މިއަދުން ފެށިގެން އެ އަގު ވަނީ 20 ރުފިޔާއަށް މަތިކޮށްފައެވެ.

މިފްކޯއިން މަސް ގަންނަ އަގު ބޮޑުކުރި މި ދުވަސްވަރަކީ ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި މަސްވެރިކަން އާންމުގޮތެއްގައި ދަށް ދުވަސްވަރެއްކަން ފާހަގަކުރެވެއެވެ. އަދި ކަޅުބިލަ މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިހާރު މިފްކޯއަށް ކަނޑުމަސް ގަންނަ އެންމެ ދަށް އަގަކީ 16 ރުފިޔާ ކަމަށްވާއިރު، އެ އަގަށް ވުރެ ދަށްނުވާނެހެން ކޮންމެ ދުވަހަކު ވެސް ލިބޭ މަހުގެ މިންވަރަށާއި ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށް އަގަށް ބަދަލު ގެންނަމުންދާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ކަޅުބިލަ މަހުގެ އަގަށް ބަދަލު ގެނައި ނަމަވެސް، ކަންނެލި ގަންނަ އަގުތަކަށް މިފަހަރު އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެގޮތުން 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް މިފްކޯއިން އަދިވެސް ގަންނަނީ 20 ރުފިޔާއަށް ކަމަށްވާއިރު، 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް ގަންނަމުންދަނީ 25 ރުފިޔާއަށެވެ.

މީގެ އިތުރުން، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނިމިދިޔަ މަހު މަސްވެރިންނަށް އެ ކުންފުނިން ދޫކުރި ފައިސާގެ ޖުމްލަ އަދަދު، އޭގެ ކުރީ އޭޕްރީލް މަހާ އަޅާބަލާއިރު 41 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ މަދުވެފައެވެ.