އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަށް އޮންރީގެ ފާޑުކިޔުން، ބުނީ އެއީ ބޮޑު އޮޅުންބޮޅުންގަނޑެއް ކަމަށް
މި މަހުގައި އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕާ ގުޅޭގޮތުން ފްރާންސްގެ ކުރީގެ ތަރި ތިއަރީ އޮންރީ ވަރަށް ބޮޑަށް ފާޑުކިޔައި، މިއީ ބޮޑު އޮޅުންބޮޅުންގަނޑެއްގެ ގޮތުގައި ސިފަކޮށްފިއެވެ. އޮންރީ ބުނި ގޮތުގައި މި މުބާރާތުގެ ކަންކަން ފެންނަނީ ފުޓްބޯޅައާ އެއްވެސް ގުޅުމެއް ނެތް ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެފައިވާ ތަނެވެ.
އޮންރީ ފާހަގަކުރި ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގެ ވާހަކަ ދެކެވޭއިރު، ކުޅުންތެރިންނާއި ޓެކްޓިކްސްގެ ބަދަލުގައި މިހާރު ދެކެވެނީ ދަތުރުފަތުރުގެ މައްސަލަތަކާއި، ޓިކެޓުގެ އަރާރުންތަކާއި ސިޔާސީ ވާހަކަތަކެވެ. ޚާއްޞަކޮށް އީރާނުގެ ސަޕޯޓަރުންނަށް ދޫކުރަން ނިންމި ޓިކެޓް އެލޮކޭޝަން ފީފާއިން އަނބުރާ ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
"އީރާނު މީހަކަށް ވިޔަސް ނުވިޔަސް، ސަޕޯޓަރުންނަކީ ވޯލްޑް ކަޕްގެ ތަޖުރިބާގެ ބައެއް،" އޮންރީ ބުންޏެވެ.
Ads by BMLމި މުބާރާތުގައި އިންސާފު ކުރުމަށް ފީފާއިން ހޮވި ސޯމާލިއާގެ ރެފްރީ އުމަރު އަރުތާންއަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބުމަކީވެސް އޮންރީ ކަންބޮޑުވުން ފާޅުކުރި ކަމެކެވެ. ސައްހަ ވިސާއެއް އޮތް ނަމަވެސް އޭނާއަށް އެމެރިކާއަށް އެތެރެނުވެވުނު މައްސަލައިގައި އޮންރީ ބުނީ، މިއީ އެފްރިކާގެ ފުޓްބޯޅައަށް ލިބުނު ފަޚުރަކަށް ވާންޖެހޭ ކަމެއް ނަމަވެސް، މިހާރު މިއީ ބޮޑު މައްސަލައަކަށް ވެފައިވާ ކަމަށެވެ.
މުބާރާތުގެ މެޗުތަކުގެ ޓިކެޓާއި، ހުރުމާއި ދަތުރުފަތުރުގެ އަގުތައް އިންތިހާއަށް ބޮޑުވުމަކީވެސް އޮންރީގެ ފާޑުކިޔުން އަމާޒުވި ކަމެކެވެ. އޭނާ ބުނި ގޮތުގައި ވޯލްޑް ކަޕަކީ ހަމައެކަނި މުއްސަނދިންނަށް އޮތް އެއްޗަކަށް ވެގެން ނުވާނެއެވެ. "ފުޓްބޯޅައަކީ ތަފާތު ސަގާފަތްތަކާއި ދީންތަކާއި ސިޔާސީ ފިކުރުގެ މީހުން އެއްބައިކުރުވާ އެއްޗެއް. ސިޔާސީ ކަންކަމުން ފުޓްބޯޅައަށް ނުފޫޒު ފޯރުވުމަކީ ފުޓްބޯޅަ ދުރުވާންޖެހޭ މަގެއް،" އޮންރީ އިތުރަށް ބުންޏެވެ.
އޮންރީގެ ވާހަކަ ނިންމާލަމުން ބުނީ، ފީފާއިން ކަންކަން އިސްލާހުކޮށް، ފުޓްބޯޅަ ދަނޑަކީ ސިޔާސީ ކުޅިގަނޑު ކުޅޭ ތަނަކަށް ނުހެދުމަށް ގޮވާލާފައެވެ.
Ads by MACL
