ފިޗްގެ ރޭޓިންއާއި، އަދި އެއްވެސް ރިޕޯޓެއްގައި ނޯންނާނެ ރާއްޖެ ދަރަނިވެރިވާހަކަ، ދެން ހުރިހާ ބޭފުޅުން އަތްޖަހާ: ކުރީގެ ފިނޭސްމިނިސްޓަރ ޒަމީރު
ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ "ފިޗް" ގެ އެއްވެސް ރިޕޯޓެއްގައި ރާއްޖެއިން ދަރަނި ނުދައްކާ ވާހަކަ ނޯންނާނެ ކަމަށާއި، ރާއްޖެއިން ދަރަނި ދައްކަމުންދާކަން އެ ރިޕޯޓުންވެސް ހާމަވާތީ ހުރިހާ ބޭފުޅުންވެސް އަތްޖައްސަވަން ޖެހޭ ކަމަށް އިއްޔެ ފިނޭންސް މިނިސްޓަރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވި މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރާއްޖެއިން ބޭރުގެ ދަރަނި ނުދައްކާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ދަރަނި ނުދައްކާނަމަ ޤައުމު ބަނގުރޫޓުވެފައިވާ ކަމަށް ބައިނަލްއަޤްވާމީ އިދާރާތަކުން ރަސްމީކޮށް އިޢުލާނު ކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ސިޔާސީ ބޭނުމަކަށް ދައްކާ އެފަދަ ވާހަކަތަކަށް ރައްދު ދިނުމުގެ ބޭނުމެއް ނެތް ކަމަށް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު އިތުރަށް ވިދާޅުވީ، ފިޗް އިން ރާއްޖެއަށް 'ސީސީސީ ޕްލަސް' ރޭޓިންއެއް ދީފައިވާއިރު، މިއިން ހާމަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އިޤްތިޞާދީ ސިޔާސަތުތަކަކީ ރަނގަޅު އަދި ހަރުދަނާ ސިޔާސަތުތަކެއް ކަމެވެ. އަދި މިއީ ދުނިޔޭގެ އިޤްތިޞާދީ ދަތި ހާލަތުގައިވެސް ރައީސްގެ ޕްލޭން ކާމިޔާބުވަމުންދާ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ދެއްވި ޕްލޭންއާ އެއްގޮތަށް އިކޮނޮމިކް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ އެކުގައި މަސައްކަތް ކުރުމުން މި ފެންނަނީ ރަނގަޅު ނަތީޖާ،" ޒަމީރު ވިދާޅުވިއެވެ.
އަވަށްޓެރި ޤައުމުތަކުގެ އިޤްތިޞާދަށް އަންނަމުންދާ ލޮޅުންތަކާއެކު އެ ޤައުމުތަކުގައި ތަކެއްޗާއި ކަރަންޓުގެ ޚިދުމަތް ބޮޑުތަނުން އަގުބޮޑުވެފައިވީ ނަމަވެސް، ރައީސް މުޢިއްޒު ނިންމެވީ ރައްޔިތުންނަށް އެފަދަ ބުރައެއް ނުޖައްސައި އިޤްތިޞާދީ މައްސަލަތައް ޙައްލުކުރެއްވުމަށް ކަމަށް ޒަމީރު ވިދާޅުވިއެވެ.
އަލަށް އައްޔަންކުރެއްވި ފިނޭންސް މިނިސްޓަރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، އެއީ އެ މަޤާމަށް އެންމެ ޤާބިލު ބޭފުޅާ ކަމަށެވެ. މީރާ އުފެއްދުމުގެ މަސައްކަތުން ފެށިގެން، ޓެކްސްގެ ނިޒާމާއި ރާއްޖޭގެ ރެވެނިއު ސްޓްރީމްތަކަށް ފަރިތަ، ތަޖުރިބާކާރު ބޭފުޅަކު އެ މަޤާމަށް ގެންނެވުމަކީ ރައީސް ނިންމެވި ވަރަށް ބުއްދިވެރި ނިންމެވުމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ކެބިނެޓުން ވަކިވި ނަމަވެސް ރައީސް މުޢިއްޒުގެ "އުފެއްދުންތެރި ފިކުރު" ދޫކޮށް ނުދާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ޒަމީރު ވިދާޅުވީ، އޭނާ އަބަދުވެސް ހުންނަވާނީ ރައީސްގެ ފަހަތްޕުޅުގައި ކަމަށާއި، ޤައުމަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ލަފާދެއްވުމާއި އެހީތެރިކަން ދިނުމުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި ކެބިނެޓުން ބަދަލުވުމަކީ ސިޔާސީ މައިދާނުން ގެއްލުން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Ads by MACL
