ވޯލްޑް ކަޕް 2026: ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއްގެ ޓިކެޓް ވިކި ހުސްވި ހަމައެކަނި ޓީމަކަށް އާޖެންޓީނާ!
މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ 48 ޓީމުގެ ތެރެއިން، ގްރޫޕް ސްޓޭޖުގައި ކުޅޭ ހުރިހާ މެޗެއްގެ ޓިކެޓް އެއްކޮށް ވިކި ހުސްވި ހަމައެކަނި ޓީމަކަށް ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ވެއްޖެއެވެ.
މުބާރާތުގެ އިންތިޒާމުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން، އާޖެންޓީނާ ހިމެނޭ ގްރޫޕްގެ ހުރިހާ މެޗެއްގެ ޓިކެޓްތައް މިހާރު ވަނީ ވިކި ހުސްވެފައެވެ. މިއީ މުބާރާތުގައި ބައިވެރިވާ އެހެން އެއްވެސް ޓީމަކަށް މިހާތަނަށް ލިބިފައި ނުވާ ކާމިޔާބީއެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ސަޕޯޓަރުން އާޖެންޓީނާގެ މެޗުތައް ބަލަން ބޭނުންވެފައިވާކަން މިކަމުން ހާމަވެއެވެ. ޚާއްސަކޮށް އެ ޓީމުގެ ތަރިންގެ ކުޅުން ބަލާލުމަށްޓަކައި ޓިކެޓް ހޯދުމަށް ސަޕޯޓަރުން ވަނީ ބޮޑު ތަރުހީބެއް ދީފައެވެ.
މިކަމާ ގުޅިގެން ފީފާ އާއި މުބާރާތް ބާއްވާ ގައުމުން އަންނަނީ އިތުރު ސަޕޯޓަރުންނަށް މެޗުތައް ބަލާލެވޭނެ އިންތިޒާމުތަކާ މެދު މަޝްވަރާ ކުރަމުންނެވެ. ނަމަވެސް ރަސްމީކޮށް ވިއްކަން ހުރި ހުރިހާ ޓިކެޓެއް މިހާރު ވަނީ ވިކި ނިމިފައެވެ.
Ads by MACL
