ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް 2026: މިޞްރާ ދެކޮޅަށް ކުޅޭ މެޗުގައި ކަޅު ބޭންޑް އެޅުމުގެ ހުއްދައަށް އީރާނުން އެދިއްޖެ

ވޯލްޑް ކަޕް 2026: މިޞްރާ ދެކޮޅަށް ކުޅޭ މެޗުގައި ކަޅު ބޭންޑް އެޅުމުގެ ހުއްދައަށް އީރާނުން އެދިއްޖެ

މި މަހުގެ 26 ވަނަ ދުވަހު ވޯލްޑް ކަޕްގައި މިޞްރާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި، އީރާނުގެ ގައުމީ ޓީމުގެ ކުޅުންތެރިން ކަޅު ކުލައިގެ އާމްބޭންޑް އެޅުމުގެ ހުއްދައަކަށް އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ފީފާގައި ރަސްމީކޮށް އެދިއްޖެއެވެ.

މި މެޗު ކުޅުމަށް ހަމަޖެހިފައިވާ ތާރީޚަކީ އިސްލާމީ ކަލަންޑަރުގެ މުޙައްރަމް މަހުގެ 10 ވަނަ ދުވަސް ނުވަތަ އާޝޫރާ ދުވަހެވެ. މި ދުވަހަކީ އިމާމް ޙުސައިންގެ ޝަހާދަތުގެ ހަނދާން އައުކުރާ ދުވަސް ކަމަށްވާތީ، އެކަމުގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ކަޅު ބޭންޑް އެޅުމަށް އީރާނުން ވަނީ ނިންމާފައެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ސިއެޓްލްގައެވެ.

މި މެޗުގެ ވަގުތާ ގުޅޭގޮތުން ބޮޑެތި ބަހުސްތަކެއް އުފެދިފައިވަނީ، ސިއެޓްލްގެ ލޯކަލް ކޮމިޓީން މި މެޗަކީ "ޕްރައިޑް މެޗެއް" ގެ ގޮތުގައި ކަނޑައަޅާފައިވާތީއެވެ.

މިއީ އެ ސިޓީގެ ޕްރައިޑް ވީކެންޑާ ދިމާކޮށް ރާވާފައިވާ ކަމެކެވެ. ނަމަވެސް، ގުރުއަތުން އީރާނާއި މިޞްރު މި ގްރޫޕްގައި ހިމެނުމުގެ ކުރިންވެސް މި ނިންމުން ނިންމާފައިވާ ކަމަށް ކޮމިޓީން ބުނެއެވެ.

މި މައްސަލައިގައި އީރާނާއި މިޞްރުން ވެސް ވަނީ މިދިޔަ ޑިސެމްބަރު މަހު ރަސްމީކޮށް އިޢުތިރާޒު ހުށަހަޅާފައެވެ. އީރާނުގެ ސްޕޯޓްސް މިނިސްޓަރު އަޙްމަދު ދުންޔާމާލީ ވިދާޅުވީ، އީރާނުގެ ދީނީ އަދި ސަގާފީ ގަބޫލުކުރުންތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކަށް ދޫދިނުމެއް ނޯންނާނެ ކަމަށެވެ.