ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަސްތުވާތަކެތި ފޮރުވާފައި ހުރި ދެ ސައިކަލުގެ ދެ ތަޅުދަނޑި ފެނުނީ ތުހުމަތުވާ މީހާގެ ފުރަގަސްފަރާތުން

މަސްތުވާތަކެތި ފޮރުވާފައި ހުރި ދެ ސައިކަލުގެ ދެ ތަޅުދަނޑި ފެނުނީ ތުހުމަތުވާ މީހާގެ ފުރަގަސްފަރާތުން

މާލޭގައި ދެ ސައިކަލެއްގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފޮރުވައިގެން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ގޮޅިއަށް ވެއްދުމުގެ ކުރިން ބަލައިފާސްކުރިއިރު، އެ ތަކެތި ހުރި ސައިކަލުތަކުގެ ތަޅުދަނޑި އޭނާގެ ފުރަގަސްފަރާތުން ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރެއްގައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެއަށް އުފަން އުމުރުން 49 އަހަރުގެ މުޙައްމަދު ރަޝީދެވެ.

ފުލުހުންގެ ބަޔާނުގައިވާ ގޮތުން މި ހާދިސާ ފަޅާއެރީ ސައިކަލެއްގެ މަޑި ހުޅުވަން ރަޝީދު އުޅެނިކޮށް ފުލުހުންނަށް ފެނުމުންނެވެ. ފުލުހުން ފެނުމާއެކު އޭނާ ހާސްވެ، ސައިކަލުގެ މަޑި ލައްޕާލުމަށްފަހު ސުވާލުކުރުމުން ދޮގު މައުލޫމާތު ދީފައިވެއެވެ. އެ ސަރަހައްދުގައި ހުރި ދެވަނަ ސައިކަލެއްގެ މަޑިދަށުންވެސް ޝައްކުކުރެވޭ ކޮތަޅުތަކެއް ފެނުމުން، އެ ސައިކަލުގެ ވެރިފަރާތް ހާޒިރުކޮށް، ހުއްދައާއެކު ގަދަކަމުން ހުޅުވައި ބެލިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ.

މާލޭ ކަސްޓަޑީގެ ހާދިސާ ރިޕޯޓާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވަނީ، ރަޝީދު ގޮޅިއަށް ވެއްދުމުގެ ކުރިން ހަށިގަނޑު ގާތުން ބަލައިފާސްކުރިއިރު އޭނާގެ ފުރަގަސްފަރާތުގައި އެއްޗެއް ފޮރުވާފައިވާ ކަމަށް ތުހުމަތު ކުރެވުނެވެ. އެހެންވެ އެ އެއްޗެއް ނެގުމަށް ފުލުހުން އެދުމުން އޭނާ އަމިއްލައަށް ދެ ތަޅުދަނޑި ނަގައި ހަވާލުކުރި ކަމަށާއި، އެ ތަޅުދަނޑިތަކުން މަސްތުވާތަކެތި ފެނުނު ދެ ސައިކަލު ހުޅުވުނު ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން، އޭނާ ދިރިއުޅޭ ގޭގެ ކައިރީގައި ހަރުކޮށްފައި ހުރި ސީސީޓީވީ ކެމެރާތަކުގެ ހާޑް ޑިސްކް ނައްތާލަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެގެއަށް ދިޔައިރު، ރަޝީދުގެ ދޮންދަރިއަކު ދަބަހަކަށް ހާޑް ޑިސްކާއި ޕެންޑްރައިވްތަކެއް އަޅައިގެން ނިކުންނަނިކޮށް ވަނީ ހުއްޓުވާފައެވެ. އަދި އެ ގޭތެރެއިން މަސްތުވާތަކެތި ހޭކިފައި ހުރި ބައެއް ސާމާނުވެސް ފެނިފައިވެއެވެ.

މި މައްސަލައިގައި އަތުލައިގަތް ތަކެތި ތަހުލީލުކުރިއިރު، 161.52 ގްރާމްގެ ކެނަބިސް، ޖަދުވަލު އެކެއްގައި ހިމެނޭ މަސްތުވާތަކެތީގެ 48.8 ގްރާމް، އަދި 17 ގްރާމްގެ ޑައިމޯފިން ފެނިފައިވާ ކަމަށް ތަހުލީލު ރިޕޯޓުތަކުން ދައްކައެވެ. އަދި ހައްޔަރުކުރި ރަޝީދުގެ ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމުން އޭނާ ވެސް ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.

އޭނާއާ ގުޅުންހުރި ތަންތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވުމާއި، އޭނާއަކީ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި ބައިވެރިވާ މީހެއް ކަމަށް ބެލެވޭތީ، ތަހުގީގަށް ހުރަސް އެޅިދާނެތީ އޭނާ ބަންދުގައި ބެހެއްޓުން މުހިންމު ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ. އެހެންކަމުން، ކްރިމިނަލް ކޯޓުން މިއަދު ވަނީ ރަޝީދުގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް އިތުރުކޮށްދީފައެވެ.