ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޖަޕާނުން ހަދިޔާކުރި ފެންހިންދާ ޕަންޕުތައް ރަށްރަށާ ހަވާލުކުރަން އެންޑީއެމްއޭ އިން ފަށައިފި

ޖަޕާނުން ހަދިޔާކުރި ފެންހިންދާ ޕަންޕުތައް ރަށްރަށާ ހަވާލުކުރަން އެންޑީއެމްއޭ އިން ފަށައިފި

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވާ ފެންބޮޑުވުމުގެ ހާދިސާތަކަށް އަވަސް އިޖާބައެއް ދިނުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، ޖަޕާނު ސަރުކާރުގެ އެހީގައި ހޯދާފައިވާ ފެންހިންދާ ޕަންޕުތައް ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކުރުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ރަސްމީކޮށް ފަށައިފިއެވެ.

އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށްރަށަށް ދިމާވާ ފެންބޮޑުވުމުގެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގެ ދަށުން މިހާތަނަށް ފަސް ރަށެއްގެ ކައުންސިލާ ޕަންޕުތައް ވަނީ ހަވާލުކޮށްފައެވެ. އެ ރަށްތަކަކީ ރ. އުނގޫފާރު، ކ. ކާށިދޫ، މ. މުލި، އއ. ފެރިދޫ އަދި ތ. ކަނޑޫދޫ އެވެ. ފުރަތަމަ ބުރުގައި ޖުމްލަ 20 ރަށަކަށް 40 ޕަންޕު ބެހުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން ކޮންމެ ރަށަކަށް ދެ ޕަންޕާއި އެއަށް ބޭނުންވާ އިތުރު ސާމާނު ފޯރުކޮށްދެވޭނެ ކަމަށް އެންޑީއެމްއޭ އިން މައުލޫމާތުދެއެވެ.

އެންޑީއެމްއޭ އިން ފާހަގަކުރި ގޮތުގައި ފުރަތަމަ މަރުހަލާގައި ހިމެނޭ ރަށްތައް ކަނޑައަޅާފައިވަނީ ފާއިތުވި އަހަރުތަކުގައި ފެންބޮޑުވުމުގެ ހާދިސާތަކަށް އިޖާބަދޭނެ ވަސީލަތްތައް ލިބިފައިވާ މިންވަރަށް ބަލައި، މީގެ ކުރިން ފެންހިންދާ ޕަންޕު ލިބިފައިނުވާ ރަށްތަކަށް ހާއްސަ އިސްކަމެއް ދީގެންނެވެ. މީގެ ބޭނުމަކީ ރަށްރަށުގައި ހުރި ވަސީލަތްތަކުގެ ފަރަގު ކުޑަކޮށް، ކާރިސާތަކުން ރައްކާތެރިވުމުގެ ގާބިލުކަން ހަމަހަމައަށް އިތުރުކުރުމެވެ.

މި މަޝްރޫއުގެ ދެވަނަ މަރުހަލާގައި އިތުރު 15 ރަށަކަށް ޕަންޕު ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. އެގޮތުން ދެވަނަ ބުރުގައި ޕަންޕު ލިބޭނެ ރަށްތަކުގެ ތެރޭގައި ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. އުލިގަން، ހއ. ނެއްލައިދޫ، ނ. މާފަރު، ރ. ފައިނު، ބ. ކުޑަރިކިލު، ޅ. ނައިފަރު، އއ. ބޮޑުފޮޅުދޫ، ތ. ބުރުނީ، ދ. ހުޅުދެލި، ފ. މަގޫދޫ، ފ. ބިލެތްދޫ، ގދ. ހޯނޑެއްދޫ އަދި ގދ. ކަނޑުހުޅުދޫ ހިމެނެއެވެ.

މިއީ ހަމައެކަނި ކުއްލި ހާލަތްތަކުގައި ބޭނުންކުރާ ސާމާނު ފޯރުކޮށްދިނުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ފެންބޮޑުވުމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ފުޅާ މަޝްރޫއެކެވެ. މީގެ ދަށުން ނާޒުކު ރަށްރަށުގައި ފެންހިންދާ ދާއިމީ ނިޒާމުތައް ގާއިމުކުރުމާއި، ކާރިސާތަކުން ދިފާއުވުމަށް އަވަހަށް އިންޒާރުދޭ ނިޒާމުތައް ވަރުގަދަކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ބާރަށް ކުރަމުންނެވެ.