ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށް، ސަސްޕެންޑްކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށް، ސަސްޕެންޑްކޮށްފި

އިތުބާރު ހުރި މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރަމުންދިޔަ އޮފިސަރަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ.

މި މަހުގެ އެއްވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުންގެ މުއައްސަސާއިން ވަނީ ހާމަކޮށްފައެވެ.

އެ މުއައްސަސާއިން ބުނި ގޮތުގައި މިދިޔަ އާދިއްތަ ދުވަހު އޭނާ ހައްޔަރުކުރުމާ އެކު، އެ ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް ވަނީ ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހާދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ޖިނާއީ ތަހުގީގީ މަސައްކަތްތައް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ކުރިއަށްގެންދާއިރު، އޭނާއާ ގުޅޭ އިދާރީ މައްސަލަ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުން ވަކިން ބަލަމުންދާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.