ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޖީޕީއީ އިން ރާއްޖެއަށް 2 ލައްކަ ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ފާސްކޮށްފި

ޖީޕީއީ އިން ރާއްޖެއަށް 2 ލައްކަ ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ފާސްކޮށްފި

ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ މޫސުމީ ބަދަލުތަކާއި ތަފާތު އެކި ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގެ ޤާބިލުކަން ލިބިފައިވާ ހަރުދަނާ ނިޒާމަކަށް ހެދުމަށްޓަކައި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމަށްވާ ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ) އިން ދިވެހިރާއްޖެއަށް ދެ ލައްކަ އެމެރިކާ ޑޮލަރުގެ ހިލޭ އެހީއެއް ދިނުމަށް ފާސްކޮށްފިއެވެ.

މި ފައިސާއަކީ ޖީޕީއީގެ "ކްލައިމެޓް ސްމާޓް އެޑިއުކޭޝަން ސިސްޓަމްސް" (ސެސީ) ޓެކްނިކަލް އިނިޝިއޭޓިވްގެ ދަށުން ދޫކުރާ ގްރާންޓެއް ކަމަށްވާއިރު، ރާއްޖޭގައި މި މަޝްރޫޢު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިނިސްޓަރީ އޮފް އެޑިޔުކޭޝަނާއި، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ބެލުމުގެ ދަށުން ޔުނެސްކޯ އަދި ސޭވް ދަ ޗިލްޑްރަން އޮސްޓްރޭލިއާގެ އެއްބާރުލުމާ އެކުގައެވެ.

އަންނަ 2027 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ކުރިއަށްދާ މި މަޝްރޫޢުގެ ދަށުން މައިގަނޑު ހަތަރު ދާއިރާއަކުން މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި މޫސުމާ ގުޅުންހުރި ކަންކަމަށް ބައިނަލްއަޤްވާމީ ފަންޑުތަކުން މާލީ އެހީތެރިކަން ހޯދުމުގެ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން، ޤައުމީ މަންހަޖުގެ ތެރެއިން މޫސުމީ ބަދަލުތަކާއި ކާރިސާތަކުން ރައްކާތެރިވުމާ ބެހޭ ބައިތައް ހިމަނައިގެން މުދައްރިސުން ތަމްރީނުކުރުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ރަށްރަށަށް ދިމާވާ މޫސުމީ ގޮންޖެހުންތަކަށް ބަލައި، އަތޮޅުތެރޭގެ ސްކޫލްތަކުގެ އުމުރާނީ ޙާލަތު ދެނެގަތުމަށް ޚާއްޞަ އޮޑިޓެއް ހަދައި ވަސީލަތްތައް ވަރުގަދަކުރުމަށް ވަނީ ނިންމާފައެވެ. އަދި މޫސުމީ ބަދަލުތަކާ ގުޅޭ މަޢުލޫމާތުތައް ބަލަހައްޓާ ނިޒާމު އިތުރަށް ހަރުދަނާކޮށް، ސާފު ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް އެކުލަވައިލުމަށް މަގުފަހިކުރެވޭނެއެވެ.

ޖީޕީއީ އަކީ ރާއްޖޭގެ ތަޢުލީމީ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އަބަދުވެސް މުހިންމު ބައިވެރިއެއްކަން ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން މިހާރުވެސް އެ ޖަމްޢިއްޔާގެ އެހީތެރިކަމާއެކު "ތަޢުލީމަށް އިންގިލާބީ ބަދަލު" (ތައިބަ) ގެ ނަމުގައި ރާއްޖޭގައި ބޮޑު މަޝްރޫޢެއް ކުރިއަށްދެއެވެ.