ރައީސް ޑރ. މުއިއްޒަކީ ތުއްޕުޅު އިރުއްސުރެ އާޖެންޓީނާގެ ފޭނެއް؛ ވޯލްޑްކަޕްގައި ސަޕޯޓްކުރައްވަނީ މެސީގެ ޓީމަށް!
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަކީ ތުއްޕުޅު އިރުއްސުރެ ފެށިގެންވެސް އާޖެންޓީނާ ފުޓްބޯޅަ ޓީމުގެ ވަރަށް ބޮޑު ފޭނެއް ކަމަށާއި، ކުރިއަށް އޮތް ވޯލްޑްކަޕްގައިވެސް އެމަނިކުފާނު ސަޕޯޓްކުރައްވާނީ ލިއޮނަލް މެސީގެ އާޖެންޓީނާއަށް ކަން ހާމަކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި، ވޯލްޑްކަޕްގައި ސަޕޯޓްކުރައްވަނީ ކޮން ޓީމަކަށްތޯ ސުވާލު ދެންނެވުމުން ރައީސް ވަނީ އެމަނިކުފާނު ހިތްވަރުދެއްވާ ވަކި ޓީމަކީ އާޖެންޓީނާކަން ޔަގީންކޮށްދެއްވާފައެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގެ ގަދަބާރެއްގެ ގޮތުގައި ބެލެވޭ އަދި ދިވެހިންގެ މެދުގައިވެސް އެންމެ މަގުބޫލު އެއް ގައުމީ ޓީމެވެ.
ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މި ވީޑިއޯގައި ރައީސް އަރިހު ސުވާލުކުރެއްވުމުން ވިދާޅުވީ އެމަނިކުފާނު އިންގްލޭންޑްއަށްވެސް ތާއީދުކުރައްވާ ކަމަށާއި، އެއީ ސެކަންޑް ޓީމް ކަމަށެވެ. އަދި ތުއްޕުޅު އިރުއްސުރެ މެރެޑޯނާއަށް ސަޕޯޓް ކުރެއްވުނީތީ އަދިވެސް އެގޮތުގައި ހުންނެވުނީ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މިވީޑިއޯގައި ފެންނަނީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއަށް ވޯލްޑްކަޕްގެ ސްޕޮންސަރުން ހަދިޔާކޮށްފައިވާ ފުޓްބޯޅަ ތަކެއްގައި ރައީސް ސޮއިކުރައްވާ މަންޒަރެވެ. މިނިސްޓަރ ރާފިއު ވިދާޅުވީ އެބޯޅަތައް ހަދިޔާ ކުރައްވާނީ ރާއްޖޭގެ ފުޓްބޯޅައިގެ ޝަޚްޞިއްޔަތު ތަކަށް ކަމަށެވެ.
ސުކުން ޕްލޭއިން އާންމުކޮށްފައިވާ މި ވީޑިއޯ ރީލްއަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބެމުންދާއިރު، މިހާތަނަށް 41,000 އަށްވުރެ ގިނަ ވިއުސް ވަނީ މިހާރުވެސް ލިބިފައެވެ.
ރައީސްގެ މި ނިންމެވުމާއެކު، ރާއްޖޭގައި ތިބި އާޖެންޓީނާގެ ސަޕޯޓަރުންގެ މެދުގައި ފޯރި އިތުރަށް ގަދަވެ، ސޯޝަލް މީޑިއާގައި ތަފާތު ޝުއޫރުތައް އަންނަނީ ފާޅުކުރަމުންނެވެ.
Ads by MACL
