އެމެރިކާގެ ހަމަލާތަކަކާ ގުޅިގެން އީރާނުން ބަހްރޭނާއި ކުވެއިތަށް ހަމަލާދީ ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފި
އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ގިލްމް އައިލެންޑާއި، ބަންދަރު އައްބާސް އަދި ސިރިކް ސިޓީގެ އެކި ސަރަހައްދުތަކަށް ވަނީ ހަމަލާތައް އަމާޒުވެފައެވެ. މީގެ އިތުރުން ދެކުނުގެ ސިޓީއެއް ކަމަށްވާ ކަރްގާންއަށް ދިން ހަމަލާތަކުގައި މަދުވެގެން ދެ މީހަކު ޒަހަމްވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަނީ އެމެރިކާއިން އޭޕްރީލް މަހުގެ ސުލްހައިގެ އެއްބަސްވުމާ ތަކުރާރުކޮށް ހިލާފުވަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި ވަކި ގޮތެއް އަންގަންދެން "ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައިވާ" ކަމަށް އެ ޖަމާއަތުން ވަނީ އިއުލާންކޮށްފައެވެ. މީގެ ސަބަބުން ތެޔޮ ޓޭންކަރުތަކާއި ވިޔަފާރި އުޅަނދުތަކުގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެއެވެ.
އައިއާރުޖީސީން އިތުރަށް ބުނި ގޮތުގައި ކަނޑުއޮޅިން ގަވާއިދާ ހިލާފަށް ދަތުރުކުރަން އުޅުނު ދެ ތެޔޮ ޓޭންކަރަކަށް ވަނީ ހަމަލާދީފައެވެ. އަދި ބަހްރޭނުގެ ޝެއިޚް އީސާ އެއާ ބޭސްއަށާއި ކުވެއިތުގެ އަލީ އަލް ސާލިމް އަދި އަހުމަދު އަލް ޖާބިރު އެއާ ބޭސްއަށް ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށްވެސް އެ ފަރާތުން ބުނެއެވެ.
މި ހަމަލާތަކާ ގުޅިގެން ޓްރަމްޕް ވިދާޅުވީ އީރާނުން ސުލްހައިގެ ވާހަކަތަކަށް ހުރަސް އަޅަމުންދާ ކަމަށާއި، އެ ގައުމަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
"އީރާނުން ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް މާ ގިނަ ވަގުތު ނަގައިފި ކަމަށާއި، މިހާރު އޭގެ އަގު ދައްކަން ޖެހޭނެ" ޓްރަމްޕް ވިދާޅުވިއެވެ.
އަދި އީރާނުން އެއްބަސްވުމުގައި ސޮއިނުކޮށްފިނަމަ އެ ގައުމުގެ އިންޖީނުގެތަކާއި ފާލަންތަކަށް ހަމަލާދޭނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ އިންޒާރުތަކަށް ރައްދު ދެއްވަމުން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ އަސާސީ ވަސީލަތްތަކަށް ހަމަލާދިނުމުގެ އިންޒާރަކީ ބާރުވެރިކަމުގެ ނިޝާނެއް ނޫން ކަމަށާއި، އެއީ ނާއުންމީދުވެފައިވާ ކަމުގެ ނިޝާނެއް ކަމަށެވެ. އޭނާ ވިދާޅުވީ އީރާނުގެ ރައްޔިތުން ކޮންމެ ފިއްތުމަކާ ދެކޮޅަށްވެސް ސާބިތުކަމާއެކު ތިބޭނެ ކަމަށެވެ.
Ads by MACL
