ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ތެލުގެ އަގު އުފުލިއްޖެ

އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ތެލުގެ އަގު އުފުލިއްޖެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން އުފުލެން ފަށައިފިއެވެ. ތެލުގެ އަގު އުފުލެން ފަށާފައި މިވަނީ، ދުނިޔޭގެ ހަކަތައިގެ ސަޕްލައިގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރިކަން އީރާނުން އިޢުލާނު ކުރުމާ ގުޅިގެންނެވެ.

އީރާނުން މި ނިންމުން ނިންމާފައިވަނީ އެމެރިކާއިން އެޤައުމަށް ދިން ވައިގެ ހަމަލާތަކަކާ ގުޅިގެންނެވެ. މި ނިންމުމާއެކު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއަކުން ދެ ޑޮލަރަށްވުރެ ބޮޑު މިންވަރެއް ވަނީ އުފުލިފައެވެ.

ބްރެންޓް ކްރޫޑްގެ އަގު 2.47 އިންސައްތަ މައްޗަށް ގޮސް، ފީފާއެއްގެ އަގު މިހާރު ހުރީ 95.40 ޑޮލަރުގައެވެ. ހަމައެއާއެކު، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓް ކްރޫޑްގެ އަގު 2.89 އިންސައްތަ މައްޗަށް ގޮސް، ފީފާއެއްގެ އަގު ވަނީ 92.63 ޑޮލަރަށް އަރާފައެވެ.

ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް މަގަށްވާއިރު، މި މަގު ބަންދުކުރުމަކީ ދުނިޔޭގެ އިޤްތިޞާދަށާއި ހަކަތައިގެ ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް މާހިރުން ލަފާކުރެއެވެ.

އެމެރިކާއިން އީރާނުގެ އެކި ހިސާބުތަކަށް ހަމަލާތައް ދީފައިވާއިރު، އޭގެ ބަދަލުގައި އެ ގައުމުން ވަނީ ސަރަހައްދުގައި ހުރި އެމެރިކާގެ ބޭސްތަކަށް ވަރުފަދަ ހަމަލާތަކެއް ދީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.