ވޯލްޑް ކަޕް 2026: ޓިކެޓްގެ އަގު ބޮޑުވުމުން ސަޕޯޓަރުންގެ ކިބައިން މާފަށް އެދެން ނުޖެހޭނޭ ކަމަށް ފީފާއިން ބުނެފި
ފުޓްބޯޅަ މެޗުތަކުގެ ޓިކެޓްގެ އަގުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ސަޕޯޓަރުންގެ ޝަކުވާތައް އިތުރުވެފައިވީ ނަމަވެސް، އެކަމާ ގުޅިގެން މާފަށް އެދުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެކޮޅު ހައްދަވައިފިއެވެ. އިންފަންޓީނޯ ވިދާޅުވީ ފީފާއަށް ލިބޭ ކޮންމެ ޑޮލަރަކީ އަނބުރާ ފުޓްބޯޅަ ކުރިއެރުވުމަށް ހޭދަކުރެވޭ ފައިސާ ކަމަށެވެ.
ޓިކެޓްގެ އަގުތަކާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރ ވެސް ވަނީ ފާޑުވިދާޅުވެފައެވެ. މިކަމަށް އިޝާރާތް ކުރައްވައި އިންފަންޓީނޯ ވިދާޅުވީ، އޭނާ ކުޑައިރުގެ ދުވަސްވަރުގައި ނަމަ މިއަދުގެ ޓިކެޓް އަގުތައް އަތްނުފޯރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، ޓްރަމްޕާއި ސްޓާމަރގެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އޭނާ ވަނީ ސަޕޯޓަރުންގެ ކިބައިން މާފަށް އެދެންޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ.
އިންފަންޓީނޯ ފާހަގަކުރެއްވި ގޮތުގައި އަގުތަކާ މެދު ޝަކުވާ އުފެދިގެން އުޅެނީ މުއާމަލާތް ކުރުމުގައި ހުރި މައްސަލަތަކެއްގެ ސަބަބުންނެވެ. އެގޮތުން ޓިކެޓްގެ އަގުތައް 60 ޑޮލަރުން ފެށޭކަން ފާހަގަކުރައްވައި، ނިއުޔޯކްގެ މޭޔަރު ޒޯހްރާން މަމްދާނީ 50 ޑޮލަރަށް 1،000 ޓިކެޓް ވިއްކުމުން ލިބުނު ފަދަ ސަމާލުކަމެއް ފީފާއަށް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފަހަރެއްގައި އޭނާގެ މުއާމަލާތް ކުރާ ޓީމު އަހަރެމެންނަށް ވުރެ މޮޅީ، ނޫނީ އޭނާ އަހަންނަށް ވުރެ މޮޅީ ކަމަށް ވެދާނެ،" އިންފަންޓީނޯ ވިދާޅުވިއެވެ.
ފީފާގެ ރައީސްގެ ހައިސިއްޔަތުން އާމްދަނީ ހޯދުމަކީ ގާނޫނީ ޒިންމާއެއް ކަމަށާއި، އެ ފައިސާ އިންވެސްޓް ކުރަނީ އެހެން އެއްވެސް ފަރާތަކުން އިންވެސްޓް ނުކުރާނެ ފަދަ ގައުމުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ކޭޕް ވާޑޭ އަދި ހައިޓީ ފަދަ ގައުމުތަކުން ވޯލްޑް ކަޕަށް ކޮލިފައިވުމަށް ފީފާގެ އެހީތެރިކަން ބޮޑު ދައުރެއް އަދާކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނިންމާލަމުން އިންފަންޓީނޯ އަނެއްކާވެސް ތަކުރާރު ކުރެއްވީ، ފީފާއަށް ލިބޭ ހުރިހާ ފައިސާއެއް ހޭދަކުރަނީ ފުޓްބޯޅައިގެ ތަރައްގީއަށް ކަމަށްވާތީ، ޓިކެޓްގެ އަގުތަކާ މެދު މާފަށް އެދެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
Ads by MACL
