ޑިއުޓީގައި އުޅެނިކޮށް ގެއްލުނު ފުލުސްއޮފިސަރު ހޯދުމުގައި އެހީތެރިވި ޑައިވަރުންނަށް ހޯމްލޭންޑް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސް ޝުކުރު އަދާކުރައްވައިފި
ފުލުހުންގެ ލޯންޗެއްގައި ރަސްމީ ޑިއުޓީ އަދާކުރަމުން ދަނިކޮށް ކުއްލި ގޮތަކަށް ގެއްލުނު ފުލުސް އޮފިސަރު ހޯދުމަށާއި އޭނާގެ ހަށިގަނޑު ކަނޑުގެ އަޑިން ނެގުމުގެ އޮޕަރޭޝަނުގައި އަމިއްލަ އިސްނެގުމާއެކު ބައިވެރިވި ދެ ޑައިވަރުންނަށް، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިހުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މިއަދު ހާއްސަ ޝުކުރެއް އަދާކުރައްވައިފިއެވެ.
މި ނާޒުކު އޮޕަރޭޝަނުގައި ފުލުހުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ ކ. ގާފަރު، ބްލޫ ހެވަން، އަޙްމަދު ފައިޞަލްގެ އިތުރުން އއ. އުކުޅަސް، މީރާޒް، ޞައްދާމު އަޙްމަދެވެ. މި ދެ ބޭފުޅުންނަކީ ފުލުހުންގެ ލޯންޗު 57 ގައި ރަސްމީ ޑިއުޓީގައި އުޅުނު އޮފިސަރު ގެއްލުމާ ގުޅިގެން ހިންގި ހޯދުމުގެ މަސައްކަތުގައި ކަނޑުގެ އަޑިއަށް ގޮސް ހަށިގަނޑު ރިކަވަރ ކުރުމުގައި އެންމެ މުހިންމު ދައުރު އަދާކުރި ދެ ޑައިވަރުންނެވެ.
ހޯމްލޭންޑް މިނިސްޓަރާއި ސީޕީ މިއަދު ވަނީ އެ ދެ ބޭފުޅުންނަށް ވަކިވަކިން ފޯނުން ގުޅުއްވައި، ގައުމީ މިފަދަ ހިތާމަވެރި އަދި ދަތި ވަގުތެއްގައި އަމިއްލައަށް އިސްނަންގަވައިގެން ވެދެއްވި އަގުނުކުރެވޭފަދަ އެހީތެރިކަމަށްޓަކައި، އެ ބޭފުޅުންގެ އަމިއްލަ ނަންފުޅުގައާއި މުޅި ފުލުހުންގެ މުއައްސަސާގެ ނަމުގައި އިހުލާސްތެރިކަމާއެކު ޝުކުރު ރައްދުކުރައްވާފައެވެ.
މި ފޯނު ކޯލްތަކުގައި ވެރިން ފާހަގަކުރެއްވި ގޮތުގައި، ކުއްލި ނުރައްކަލުގެ މިފަދަ ހާލަތްތަކުގައި ސަލާމަތީ ހިދުމަތްތަކާ ގުޅިގެން އާންމު ރައްޔިތުން ފޯރުކޮށްދޭ މިފަދަ އެހީތެރިކަމަކީ ދިވެހި މުޖުތަމައުގައި އޮތް އެއްބައެއްވަންތަކަމާއި އޯގާތެރިކަމުގެ މަތިވެރި ނަމޫނާއެކެވެ.
އަދި މީގެ އިތުރުން، މި ހާދިސާއިން ސާބިތުވެގެންދިޔައީ ގައުމީ ކަންކަމުގައި ދައުލަތުގެ މުއައްސަސާތަކާއި އާންމު ރައްޔިތުން އަތްގުޅާލައިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ކަމުގައިވެސް އެ ބޭފުޅުން ވިދާޅުވިއެވެ.
Ads by MACL
