ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހައްޖާޖީންގެ ރޯގާއާ ގުޅިގެން ހުޅުމާލެ ފްލޫ ކްލިނިކްގެ ވަގުތު އިތުރުކޮށްފި

ހައްޖާޖީންގެ ރޯގާއާ ގުޅިގެން ހުޅުމާލެ ފްލޫ ކްލިނިކްގެ ވަގުތު އިތުރުކޮށްފި

ހައްޖުގެ މާތް އަޅުކަމަށްފަހު އެނބުރި ރާއްޖެ އައި ހައްޖާޖީންގެ މެދުގައި އަރިދަފުސް ރޯގާ ފެތުރެމުންދާތީ، ހުޅުމާލެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކުން ޚިދުމަތްދޭ ވަގުތު އެ ހޮސްޕިޓަލުން އިތުރުކޮށްފިއެވެ.

ބަލިމީހުން އިތުރުވަމުންދިއުމާ ގުޅިގެން ގެނައި މި ބަދަލާއެކު، މީގެ ކުރިން މެންދުރުފަހު 2:00 އިން ރޭގަނޑު 10:00 އަށް ހުޅުވާފައި ހުރި ކްލިނިކް، މިހާރު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ހުޅުވާފައި ހުންނާނެއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ މައި ރިސެޕްޝަން ކައިރީގައި ގާއިމުކޮށްފައިވާ މި ކްލިނިކުން ބަލިމީހުން ބެލުމާއި، ފަރުވާ ދިނުމުގެ އިތުރުން ސިއްހީ އިރުޝާދު ދިނުމުގެ ޚިދުމަތްވެސް ދަނީ ފޯރުކޮށްދެމުންނެވެ. އަދި މި ކްލިނިކާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ހޮސްޕިޓަލުގެ ހޮޓްލައިން ނަންބަރު 1417 މެދުވެރިކޮށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ފްލޫ ކްލިނިކަކީ ހައްޖުން އެނބުރި އަންނަ މީހުންގެ ސިއްހީ ހާލަތު ބަލައި އެހީތެރިކަން ދިނުމަށް ޚާއްސަކޮށްގެން ހުޅުވި ތަނެކެވެ. ރާއްޖޭގެ ހުރިހާ ހައްޖާޖީން މިހާރު ރާއްޖެ އައިސްފައިވާއިރު، ކެއްސުމާއި ހުން އައުން ފަދަ ނޭވާލާ ނިޒާމުގެ ބަލިމަޑުކަމުގެ އަލާމާތެއް ފެނިއްޖެނަމަ މާސްކު އެޅުމަށާއި ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ސިއްހީ އިދާރާތަކުން ވަނީ އިރުޝާދުދީފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އެނބުރި އައި ހައްޖާޖީންނާއި އާންމު ރައްޔިތުން ސިއްހީ އިރުޝާދުތަކަށް ބޯލެނބުމަށާއި، ރަސްމީ އިދާރާތަކުން ނެރޭ ސިއްހީ އިއުލާންތަކަށް އަބަދުވެސް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވެސް ވަނީ ހައްޖާޖީންނަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އެގޮތުން ބަލީގެ އަލާމާތްތައް ހުންނަ ހައްޖާޖީން އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމަށް ދިއުމުން، ޓްރިއާޖް ކައުންޓަރުގައި ހައްޖު ދަތުރުގެ މައުލޫމާތު ހިއްސާކުރުމުން އަވަސް ފަރުވާ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިދީފައެވެ.