ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް 2026: ފުރަތަމަ މެޗުންވެސް ތިން ރަތްކާޑު، މެކްސިކޯއަށް ރަނގަޅު ފެށުމެއް

ވޯލްޑް ކަޕް 2026: ފުރަތަމަ މެޗުންވެސް ތިން ރަތްކާޑު، މެކްސިކޯއަށް ރަނގަޅު ފެށުމެއް

ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ މެޗުގައި ސައުތު އެފްރިކާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައި، މެކްސިކޯއިން އަމިއްލަ ގައުމުގައި ބާއްވާ މި މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ތާރީހީ އަޒްޓެކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ގިނަ ކަންތައްތަކެއް ފެނިގެންދިޔަ ފޯރިގަދަ މެޗެކެވެ.

މުބާރާތުގެ ފުރަތަމަ މެޗު ކުޅެވިގެންދިޔަ މެކްސިކޯގެ އަޒްޓެކާ ސްޓޭޑިއަމަކީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ހާއްސަ ތަނެކެވެ. މިއީ ބްރެޒިލްގެ ޕެލޭ އާއި އާޖެންޓީނާގެ މަރަޑޯނާ ވޯލްޑް ކަޕް ތަށި އުފުލާލި، އަދި މަރަޑޯނާގެ މަޝްހޫރު 'އަތުން ޖެހި ގޯލު' ފެނިގެންދިޔަ ސްޓޭޑިއަމެވެ. މިއާއެކު އަޒްޓެކާ ވެގެން ގޮސްފައިވަނީ ތިން ވޯލްޑް ކަޕެއްގެ މެޗުތައް ބޭއްވި ހަމައެކަނި ސްޓޭޑިއަމަށެވެ.

މެޗުގެ ފުރަތަމަ ގޯލު ޖަހައި މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދީ ހޫލިއަން ކިނިއޮނޭސް އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ މެޗުގެ 9 ވަނަ މިނެޓުގައި ސައުތު އެފްރިކާގެ ސިތޯލޭއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. މެކްސިކޯގެ ދެވަނަ ގޯލު 67 ވަނަ މިނެޓުގައި ބޮލުން ޖަހައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވަޑް ރައުލް ހިމެނޭޒް އެވެ.

މި މެޗުގައި މެކްސިކޯގެ 17 އަހަރުގެ ޖިލްބާޓޯ މޯރާ ކުޅެން އެރުމާއެކު، އޭނާ ވެގެން ގޮސްފައިވަނީ މި މުބާރާތުގައި ކުޅޭ އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މެޗުގެ ފޯރިގަދަވެގެންދިޔަ އިރު، ޖުމްލަ ތިން ރަތް ކާޑު ފެނިގެންދިޔައެވެ. ސައުތު އެފްރިކާގެ ސްފެފެލޯ ސިތޯލޭ އާއި ތެމްބާ ޒްވާންއަށް ރަތް ކާޑު ދެއްކުމުން އެޓީމުން މެޗު ނިންމާލީ ދެ ކުޅުންތެރިން މަދުކޮށެވެ. މެކްސިކޯގެ ސީސާ މޮންޓޭޒަށް ވެސް މެޗުގެ ފަހު ވަގުތު ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ.

މި މުބާރާތުގެ ގްރޫޕު އޭގެ ދެވަނަ މެޗުގައި މިއަދު ހެނދުނު ރާއްޖޭގަޑިން 7:00 ގައި ބައްދަލުކުރާނީ ސައުތު ކޮރެއާ އާއި ޗެކް ރިޕަބްލިކެވެ.