ސްވިޑަންގައި ދެބެންގެދެދަރި ކުދިން ކައިވެނިކުރުން މަނާކޮށްފި
ސްވިޑަންގެ ޕާލަމަންޓުން އިއްތިފާގުން ނިންމާފައިވަނީ ދެބެންގެދެދަރި ކުދިންނާއި ގާތް ތިމާގެ މީހުންގެ މެދުގައި ކުރެވޭ ކައިވެނިތައް މަނާކުރުމަށެވެ. މި ތާރީޚީ ނިންމުމާއެކު ފާސްކުރި އައު ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 1، 2026 ގައެވެ.
މި ގާނޫނުގެ މައިގަނޑު މަގްސަދަކީ އާއިލީ ފިއްތުންތަކާއި، މަޖުބޫރުން ކުރުވާ ކައިވެނިތަކުން އަންހެނުންނާއި ޒުވާނުން ރައްކާތެރިކުރުމެވެ. މީގެ އިތުރުން، އާއިލާގެ ނަމުގައި ހިންގާ އަނިޔާވެރި އަމަލުތަކުން މުޖުތަމައު ސަލާމަތްކުރުމަކީވެސް މި ގާނޫނުގެ އަމާޒެކެވެ.
ސްވިޑަންގެ ޖަސްޓިސް މިނިސްޓަރު ގަނާ ސްޓްރޮމާ ވިދާޅުވީ، "ކޮންމެ މީހަކަށްމެ އެމީހެއްގެ އަމިއްލަ ދިރިއުޅުމުގެ ނިންމުންތައް ނިންމުމުގެ ހައްގު އޮންނަންވާނެ" ކަމަށެވެ. މި ގާނޫނުގެ ދަށުން އެއްބަނޑު އެއްބަފާ ކުދިންނާއި، އެއްބަފާ ނުވަތަ އެއްބަނޑު ކުދިންނާއި، އެޑޮޕްޓްކޮށްފައިވާ ކުދިންގެ މެދުގައި ކުރެވޭ ކައިވެނިތައްވެސް މަނާވާނެއެވެ. އަދި ގައުމުން ބޭރުގައި ކުރާ މިފަދަ ކައިވެނިތައްވެސް ސްވިޑަންއިން ބަލައެއް ނުގަންނާނެއެވެ.
Ads by BMLސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، ގާތް ތިމާގެ މީހުންގެ މެދުގައި ކުރެވޭ ކައިވެނިތަކުގެ ސަބަބުން ޖެނެޓިކް ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެ، ތުއްތު ކުދިން މަރުވުމުގެ ނިސްބަތް އިތުރުވެއެވެ.
ނޯވޭއިންވެސް 2024 ވަނަ އަހަރު މިފަދަ ފިޔަވަޅެއް އަޅާފައިވާއިރު، ސްވިޑަންގެ މި ނިންމުމަކީ ޔޫރަޕްގައި މިކަމާ ދެކޮޅަށް އެޅުނު އެންމެ ވަރުގަދަ ގާނޫނީ ފިޔަވަޅެވެ.
މި ގާނޫނަކީ ޒަމާނުއްސުރެ އޮތް ބައެއް އާދަކާދަތަކަށްވުރެ އިންސާނީ މިނިވަންކަމާއި އަމިއްލަ އިޚްތިޔާރަށް އިސްކަންދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ސްވިޑަން ސަރުކާރުން ހާމަކުރެއެވެ.
Ads by MACL
