ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން: ޚުޠުބާ
މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "ހިޖުރައިގެ ޢިބުރަތްތަކުގެ ތެރެއިން" މި މައުޟޫޢުގެ މައްޗަށެވެ. ޚުޠުބާގައި ވިދާޅުވީ ހިޖުރައިގެ މާނައަކީ ހަމައެކަނި އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުން ނޫން ކަމަށާއި، އޭގެ އެންމެ މަތިވެރި މާނައަކީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން ކަމަށެވެ.
ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގެ ދަތުރުފުޅަކީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު މަތިވެރި ޙާދިޘާކަން ފާހަގަކުރައްވައި ޚުޠުބާގައި ވިދާޅުވީ، އެކަލޭގެފާނު އުފަންވެވަޑައިގެން ބޮޑުފުޅުވީ ރަށާއި ގާތްތިމާގެ ބޭފުޅުން ދޫކުރައްވައި ނުކުމެވަޑައިގަތީ އިސްލާމްދީނުގެ ދިފާޢުގައި އެ ހުރިހާ ކަމެއް ޤުރުބާންކުރައްވައިފައި ކަމަށެވެ. އެހެންކަމުން، ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅު މުސްލިމުން ހަނދާންކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މާތް اللهއަށް ވަކީލުކުރުމަކީ ދެ އަތް އުރައިލައިގެން ހުރުން ނޫންކަން ފާހަގަކުރައްވައި ޚުޠުބާގައި ވިދާޅުވީ، ވަކީލުކުރުމަކީ ކަންކަން ކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ ބޭނުން ހިފުމާއެކު، މާތް اللهގެ ޙަޟުރަތުން ރައްކާތެރިކަން ލިބޭނެކަން ޔަޤީންކޮށްގެން ހުރުން ކަމަށެވެ. ހިޖުރައިގެ ދަތުރުފުޅުން ލިބޭ އަގުހުރި ފިލާވަޅަކީ ކަމެއް ފެށުމުގެ ކުރިން އެކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ހަމަޖެއްސުން ކަމަށް ވެސް ވިދާޅުވިއެވެ.
Ads by BMLދަތި އުނދަގޫ ވަގުތުތަކުގައި ވެސް އީމާންކަމުގެ އަހުލުވެރިން ސާބިތުކަމާއެކު ތިބެންޖެހޭނެކަން ބަޔާންކުރައްވަމުން ޚުޠުބާގައި ވިދާޅުވީ "ހުރިހައި ވަގުތެއްގައި ވެސް އިސްލާމްދީންމަތީގައި ތެދުވެރިކަމާ އެކު ދެމިތިބުމަށް ޢަޒުމުކަނޑައަޅައި ތިމާގެ އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރެވޭތޯ ވެވުނުހައި މަސައްކަތެއްކުރާށެވެ!"
ރަސޫލާގެ ސާބިތުކަމުގެ ސަބަބުން، މައްކާގެ މީހުން އެކަލޭގެފާނު ހޯދުމަށް ކުރި ހުރިހާ މަސައްކަތެއް މާތް الله ނާކާމިޔާބުކުރައްވައި ނަޞްރުދެއްވިކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.
ޚުޠުބާ ނިންމަވާލައްވަމުން ވިދާޅުވީ، ހިޖުރައިގެ މާނަތަކުގެ ތެރޭގައި މާތް اللهގެ މަގަށް ކުރެވޭ ހިތުގެ ހިޖުރަ ވެސް ހިމެނޭ ކަމަށެވެ. އަދި އެންމެ މުހިންމު ކަމަކީ ސިއްރާއި ފާޅުގައި އެކަލާނގެއަށް ހިތްނިޔަތް ޚާލިޞްކުރުން ކަމަށް ބަޔާންކުރެއްވިއެވެ.
Ads by MACL
