ސިފައިންނަށް ވާނެ، ސިފައިން ކުރާނެ، ހަވާލުކުރިތާ 40 ދުވަސް ތެރޭގައި ނިންމައި ތެލަސީމިއާ ސެންޓަރު އޮޕަރޭޝަނަށް ގެނެސްފި
ތެލެސީމިއާއަށް ފަރުވާ ހޯދަމުންދާ ބަލި މީހުންނާއި އެ މީހުންގެ އާއިލާތަކުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ކައިރީ މުޒާހަރާ ކުރަން ފެށީ 22 މާރޗް 2025 ގައެވެ.
މުޒާހަރާ ކުރީ ތަން ވީރާނާވެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ ރަނގަޅު ހިދުމަތެއް ނުދެވޭތީއެވެ. ކަންކަން ބޮއްސުންލައި ހައްލު ނުވާވަރަށް އެ ސެންޓަރުގެ ކަންތައްތައް ދިޔައީ ދިމާވަމުންނެވެ.

Ads by BMLއަނެއް ދުވަހު އެރިއިރާއި އެކު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އޯޑަރަކަށްވީ ވީހާވެސް އަވަހަށް ތެލަސީމިއާ ސެންޓަރަށް ވަޑައިގެން އެތަނުގެ ހާލަތު ދެނެގަތުމެވެ.
ހެނދުނު ތެލަސީމިއާ ސެންޓަރަށް ވަޑައިގެން އެ ތަނުގައި ތިބި މުވައްޒަފުންނާއި އެވަގުތު ތިބި ޕޭޝަންޓުންގެ ކަންބޮޑުވުންތައް ވެސް އަޑުއެއްސެވިއެވެ. އެގޮތުން ހުރިހާ ޑިޕާޓްމަންޓުތަކަށް ވަކިވަކިން ވަޑައިގެން ހާލަތު ބެއްލެވިއެވެ.

ފެނިގެން ދިޔައީ އާއިލާތަކުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް، އެވަގުތުން ފެށިގެން ހައްލު ކުރެވެން ހުރި ހުރިހާ ކަމެއް ހައްލު ކުރުމަށް ކަމާ ގުޅޭ އިދާރާތަކުގެ ވެރިންނާ މަޝްވަރާ ކުރައްވައިގެން ފިޔަވަޅު އަޅަން ފައްޓަވާފައިވާކަމެވެ.
މައްސަލަތައް ވަގުތުން ހައްލު ކުރުމަށް "ހުރިހާ ތަފުސީލަކާ އެކު" ބައްދަލުވުމެއް ބާއްވަވައި އެކަންކަން ކުރިއަށް ގެންދާނެ ގޮތުގެ "ޑައިރެކްޝަންސް" ދީފައިވެއެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި އެންމެ ބޮޑު ކަންބޮޑު ވުމަކީ 2017 ވަނަ އަހަރުން ފެށިގެން ވެސް އެ ސެންޓަރު ހިންގަނީ ޑިރެކްޓަ ޖެނެރަލެއް ނެތި ކަމަށެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ތެލަސީމިއާ ސެންޓަރުގެ ހިދުމަތްތައް ހުޅުމާލޭގެ އޮރެންޖް ހިޔާއަށް ބަދަލު ކުރުމުގެ މަސައްކަތް ނިންމަން ސިފައިންނާ ހަވާލުކުރީ މާރޗް މަހުގެ 28 ވަނަ ދުވަހުއެވެ.
އެދުވަހުން ފެށިގެން މިއަދަށް ބަރާބަރު 40 ދުވަސް ވީއިރު އެ މަސައްކަތް ނިންމައި މިއަދު ވަނީ މިނިސްޓްރީއާއި ތަން ހަވާކުކޮށްފައެވެ.

ހުއްޓުމެއްނެތި 24 ގަޑި އިރު މަސައްކަތްކޮށް ތަން އޮޕަރޭޝަނަށް ގެނެވުނީ ގައުމީ ބޮޑު މަސައްކަތެއްގެ ގޮތުގައެވެ. މި މަސައްކަތުގެ ތެރެއިން ބޭނުންވާ ހުރިހާ ސާމާނަކީ ސިއްހީ ހިދުމަތްދޭ ތަނަކަށް އެންމެ އެކަށޭނަ އަދި ސަލާމަތީ ގޮތުންވެސް އެންމެ ރައްކާތެރި ތަކެއްޗެވެ.
ސިފައިންނަކީ މިފަދަ ކަންކަމުގައި ތަފާތު ރޫހެއްގައި މަސައްކަތް ކުރާ ބައެކެވެ. ކޮވިޑް-19 ފެސިލިޓީ ގާއިމްކޮށް އިމާރާތް ނިންމާލީ ހީވެސް ނުކުރާހާ އަވަސް މިނެއްގައެވެ.
ސުނާމީ ކާރިޘާގައި ގެދޮރު ގެއްލުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ގިނަ އަހަރުތަކަކަށް ދިގުލައިގެން ދިއުމުން އެފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވަނީ ދިވެހި ސިފައިންގެ ލަޝްކަރާއެވެ.
ގައުމީ ހިދުމަތުގައި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި މިހެން ދިމާވާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް މިއަދު ސިފައިންދައްކާ ނަމޫނާއަށް ޝުކުރު ހައްގެވެ.
Ads by MACL
