އެމްޑީޕީގެ އިންތިޚާބުގެ ތެރެއިން ހަމަނުޖެހުން ހިނގައި ގދ. ފޮށީގެ ވޯޓުލުން މެދުކަނޑާލައިފި
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ބާއްވަމުންދާ ދާޚިލީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނިކޮށް، މާލޭގައި ހުރި ގދ. އަތޮޅުގެ ދެވަނަ ވޯޓުފޮށީގެ ކައިރީގައި ހޫނު ބަހުސްތަކެއް ހިނގައި ވޯޓުލުން ވަގުތީގޮތުން މެދުކަނޑާލަން ޖެހިއްޖެއެވެ.
މި ހަމަނުޖެހުން ހިނގަން މެދުވެރިވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަދި އެފްއެސްއެމްގެ ކުރީގެ އެމްޑީ އިބްރާހިމް ގަސަމް ވޯޓުލާ މަރުކަޒަށް ވެދެވަޑައިގެން އޮފިޝަލެއްގެ އަތުން ވޯޓު ކަރުދާސްތަކެއް ނެންގެވި ކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.
ކަން ހިނގިގޮތް
މަރުކަޒުގައި ހުރި މެންބަރަކު މައުލޫމާތު ދިން ގޮތުގައި، ވޯޓުލުމުގެ ކަންކަން ބަލަހައްޓަން ހުރި އޮފިޝަލަކު ބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދަނިކޮށް، ގަސަމް ވަނީ އެތަނަށް ވެދެވަޑައިގެން ކުރީގެ އޮފިޝަލްގެ އަތުގައި ހުރި ވޯޓު ކަރުދާސްތަކުގެ ތެރެއިން 6 ކަރުދާސް ހިއްޕަވައިގެން މަރުކަޒުން ބޭރަށް ވަޑައިގެންފައެވެ.
"އޮފިޝަލުން ބަދަލުކުރުމުގެ ތެރެއިން އޭނާ ވަދެ ކުރީގެ އޮފިޝަލް އަތުން 6 ކަރުދާސް ހިފައިގެން ނިކުތީ. ބޮޑަށް ބެލެވެނީ ފަހުން ނަތީޖާ ދިމާނުވާ ގޮތް ހަދަން ނުވަތަ ނޭދެވޭ ކަމެއް ހިންގަން ކުރި ކަމެއް ކަމަށް،" މަރުކަޒުގައި ހުރި އެމްޑީޕީގެ މެންބަރަކު ކަންބޮޑުވުން ފާޅުކުރަމުން ބުންޏެވެ.
ފެކްޝަންތަކުގެ ކަންބޮޑުވުން
ގަސަމް އަކީ މި ފަހަރުގެ އިންތިޚާބުގައި ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް ނަސީމްގެ "އިތުބާރު ފެކްޝަން" އަށް ނިސްބަތްވާ ބޭފުޅެކެވެ. މި ހާދިސާއާ ގުޅިގެން، ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް، އިންތިޚާބުގެ ސައްހަކަމާމެދު ސުވާލު އުފައްދަމުންނެވެ.
މި ހަމަނުޖެހުމާ ގުޅިގެން އެ ސަރަހައްދުގެ ވޯޓުލުން މިހާރު ވަނީ މެދުކަނޑާލާފައެވެ.
Ads by MACL
