ވޯޓްފޮށި ފަޅާލުމާ ގުޅިގެން ފިޔޯރީގެ ވޯޓުލުން ކެންސަލްކޮށްފި
އެމްޑީޕީގެ ޗެއާޕަސަން ހޮވުމަށް މިއަދު ބޭއްވި ދާޚިލީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނިކޮށް، ގދ. ފިޔޯރީގައި ބަހައްޓާފައި ހުރި ވޯޓު ފޮށި ފަޅާލުމާ ގުޅިގެން އެ ރަށުގައި ވޯޓުލުން ކުރިއަށް ނުގެންދިއުމަށް އިންތިޚާބާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.
އެމްޑީޕީގެ އިންތިޚާބީ ކޮމިޓީގެ މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވީ، ފިޔޯރީ ވޯޓު ފޮށި މިހާރު ބާތިލްކުރެވިފައިވާ ކަމަށާއި، އެ ރަށުގެ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ދެން ލިބޭނީ ފަހުން އިއުލާންކުރެވޭ ތާރީޚެއްގައި ކަމަށެވެ. ޖުމްލަ 84 މީހުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މި ފޮށި ފަޅާލަން މެދުވެރިވީ، ރަސްމީ ފާހެއް ނެތި ވޯޓު މަރުކަޒުގައި މަޑުކުރަން އުޅުނު މީހަކަށް އެ ފުރުސަތު ނުލިބުމުން ހިންގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ.
ފިޔޯރީގެ އިތުރުން ފ. ފީއަލީގައިވެސް ވަނީ އިންތިޚާބާ ގުޅުންހުރި ބޮޑު މައްސަލައެއް ފެންމަތިވެފައެވެ. އެ ރަށުގައި ބަހައްޓާފައި ހުރި ވޯޓު ފޮށި މީހަކު ހިފައިގެން ފިލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، ފީއަލީގެ ވޯޓު ބާތިލްކުރުމާމެދު ކޮމިޓީން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
މި ހާދިސާތަކާ ގުޅިގެން، އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް މީކާއީލް އަހުމަދު ނަސީމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިފަދަ ކަންކަމުގެ ސަބަބުން އިންތިޚާބުގެ ޖުމްލަ ނަތީޖާއަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށެވެ. މި އިންތިޚާބުގައި މީކާއީލްއާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެމްޑީޕީގެ 6 ވަނަ ޗެއާޕަސަން އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 50،176 މީހުންނަށް ލިބިގެންވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައާއި ސްރީލަންކާ ހިމެނޭގޮތަށް 241 ވޯޓު މަރުކަޒު ވަނީ ގާއިމްކޮށްފައެވެ.
Ads by MACL
