ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕްލެޖް ވޯޓުން ރައީސް ނަޝީދު ޗެއާޕާސަން އިންތިހާބު ބޮޑުތަފާތަކުން ކާމިޔާބުކޮށްފި

އެމްޑީޕީގެ ބާނީ ކުރީގެ ރައީސް ނަޝީދު ---
އެމްޑީޕީގެ ބާނީ ކުރީގެ ރައީސް ނަޝީދު ---

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، އެހެން ޕާޓީއެއްގެ އެހީތެރިކަމާ ނުލައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެ ޕާޓީއަށް ކާމިޔާބުކޮށްދިނުމުގެ "ބޮޑު ބަދަލު" ޕްލެޓްފޯމް ސިޔާސަތުގެ ދަށުން ކެމްޕޭން ކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމްގެ މައްޗަށް ބޮޑު ތަފާތަކުން ކުރިހޯއްދަވައި އިންތިޚާބު ކާމިޔާބުކުރައްވައިފިއެވެ.

އޭޕްރީލް 22 ގެ ނިޔަލަށް ޕާޓީގައި ރަޖިސްޓްރީވެފައިވާ ޖުމްލަ 15,928 މެންބަރުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވީ މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔުމަށް ހަމަޖެހިފައި އޮތީ ހުކުރު ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:30 އާ ހަމައަށެވެ. ކުރިން ވޯޓުލުން ނިންމަން ކަނޑައެޅި ވަގުތަށްވުރެ 30 މިނެޓު އިތުރުކޮށްގެން ކުރިއަށްގެންދިޔަ މި އިންތިޚާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައާއި ސްރީލަންކާގެ ކޮލަމްބޯ ހިމެނޭހެން ޖުމްލަ 241 ވޯޓުފޮށި ބަހައްޓާފައިވެއެވެ.

މި އިންތިޚާބުގެ ތެރެއިން ފީއަލި އަދި ފިޔޯރީ ފަދަ ބައެއް ރަށްރަށުގައި ހަމަނުޖެހުންތަކެއް ހިނގައި، ވޯޓުގެ ސައްހަކަމާ މެދު މީކާއީލްގެ ފަރާތުން ޝަކުވާތަކެއް ހުށަހެޅިފައިވީ ނަމަވެސް، އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި އެ ފަރާތްތަކުން ލަފާކުރި ހިސާބަށްވުރެ މާ ބޮޑު ތަފާތަކުން ރައީސް ނަޝީދު އުޅުއްވީ ކުރީގައެވެ. އަދި އިންތިޚާބުގެ ތެރޭގައި ކަންކަން ގޯސްކޮށް ހިނގާފައިވާ ކަމަށް ބެލެވުނު ރަށްރަށުންވެސް ރައީސް ނަޝީދު ވަނީ ވަރަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތާއީދާއެކު ނުކުންނެވި މީކާއީލް ނަސީމްގެ މައްޗަށް ރައީސް ނަޝީދު ކުރިހޯއްދެވިިއިރު، ސްރީލަންކާގައި ބެހެއްޓި ވޯޓު ފޮށިންވެސް ރައީސް ނަޝީދު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ.

މި ކާމިޔާބީއާއެކު އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި އެމްޑީޕީގެ ލީޑާޝިޕަށް ކުރިއަށް އޮތް ތަނުގައި އަންނާނެ ބަދަލުތަކަށް ގިނަ ބަޔަކު މިހާރު އަންނަނީ އިންތިޒާރު ކުރަމުންނެވެ.