ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މިއީ ތަސައްވުރު ކުރި އެމްޑީޕީއެއް ނޫން، ވޯޓާސް ލިސްޓު އޮތީ އޮޅުވާލައިފައި: މީކާއިލް

މިއީ ތަސައްވުރު ކުރި އެމްޑީޕީއެއް ނޫން، ވޯޓާސް ލިސްޓު އޮތީ އޮޅުވާލައިފައި: މީކާއިލް

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާއިރު، މިއީ އެއްގޮތަކަށްވެސް އޭނާ ތަސައްވުރުކުރި ފަދަ ޑިމޮކްރެޓިކް އެމްޑީޕީއެއް ނޫން ކަމަށާއި، ވޯޓާސް ލިސްޓު އޮޅުވާލުން ފަދަ ބޮޑެތި ޝަކުވާތަކެއް އެބަހުރި ކަމަށް ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މީކާއީލް ވަނީ އިންތިޚާބުގެ ތެރެއިން ހިތާމަވެރި އަދި ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ފެންނަމުންދާކަން ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ބައެއް ރަށްރަށުގައި އޭނާގެ މަންދޫބުންނަށް ފާސް ދޫނުކުރުމުގެ މައްސަލަތަކާއި، ވޯޓާސް ލިސްޓަށް ބަދަލުތަކެއް ގެނެސް އޮޅުވާލާފައިވާ ކަމުގެ ބޮޑެތި ޝަކުވާތަކެއް ވަނީ ތިލަވެފައެވެ. މީގެ އިތުރުން، ބައެއް ރަށްރަށުގައި ފަޅާލާފައި ހުރި ވޯޓު ފޮށިތަކަށް ވޯޓުލުން ކުރިއަށް ގެންދާކަން ފާހަގަކުރައްވައި، މިއީ ޕާޓީގެ އެތެރޭގެ އިންތިޚާބެއްގައި ދުވަހަކުވެސް ދެކެން ބޭނުންވި މަންޒަރެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީކާއީލް ވަނީ އިންތިޚާބު ކޮމިޓީން މި މައްސަލަތައް ބަލައި، އިންތިޚާބުގެ ސައްޙަކަން ކަށަވަރުކޮށްދިނުމަށް ގޮވާލައްވާފައެވެ. އަދި އެމްޑީޕީއަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގެ ހަމަހަމަކަމާއި އިންސާފުވެރިކަން ކަށަވަރުކޮށްގެން ކަމަށްވެސް އޭނާ ނިންމަވާލައްވަމުން ވިދާޅުވިއެވެ.