ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕް 2026: ބޮސްނިއާ އަތުން އެއްވަރުވެ، ކެނެޑާއަށް ޕޮއިންޓެއް

ވޯލްޑް ކަޕް 2026: ބޮސްނިއާ އަތުން އެއްވަރުވެ، ކެނެޑާއަށް ޕޮއިންޓެއް

ފީފާ ވޯލްޑް ކަޕް 2026 ގައި ބޮސްނިއާ އާއި ކެނެޑާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ، ކެނެޑާއިން ވޯލްޑް ކަޕް ތާރީހުގައި އެ ގައުމުގެ ފުރަތަމަ ޕޮއިންޓު ހޯދައިފިއެވެ.

ކެނެޑާގެ ޓޮރޮންޓޯގެ ބީއެމްއޯ ފީލްޑްގައި ކުޅުނު މި މެޗަކީ މި ދެ ގައުމު ފުޓުބޯޅަ ތާރީހުގައި ބައްދަލުކުރި ފުރަތަމަ މެޗެވެ. އަނިޔާގެ ސަބަބުން ކެނެޑާގެ ތަރި އަލްފަންސޯ ޑޭވީސް އަދި ބޮސްނިއާގެ އެޑިން ޖެކޯ މިރޭގެ މެޗުގެ ފުރަތަމަ 11 އަކުން ފެނިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބޮސްނިއާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ލީޑު ނަގައިފައެވެ. މެޗުގެ 21 ވަނަ މިނެޓުގައި ކޯނަރެއްގެ އެހީގައި ބޮސްނިއާއަށް ލީޑު ހޯދައިދިނީ ޖޮވޯ ލުކިޗެވެ. މިއީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ. ފުރަތަމަ ހާފުގައި ކެނެޑާގެ ޖޮނަތަން ޑޭވިޑާއި ޓަނީ އޮލުވަސޭއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނިމުނީ 1-0 އިން ބޮސްނިއާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ކެނެޑާއިން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން ރިޗީ ލަރްޔޭ ފޮނުވާލި ހަމަލާއެއް ބޮސްނިއާގެ ކެޕްޓަން ކޮލަސިނަޗް ވަނީ ގޯލު ރޭން މަތިން ދިފާއުކޮށްފައެވެ. ކެނެޑާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 78 ވަނަ މިނެޓުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކައިލް ލެރިން، ޖޮނަތަން ޑޭވިޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ކެނެޑާއަށް އުންމީދު އާކޮށްދިނެވެ.،

އެ ގޯލަށްފަހު ދެ ޓީމުން ވެސް ކުޅެމުންދިޔައީ ޑިފެންސަށް ވަރަށް ބޮޑަށް ސަމާލުވެގެން ކުޅެމުންދިޔަ އިރު، ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ކެނަޑާގެ ލެރިންއަށް އިތުރު ގޯލެއް ޖެހުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ، ބޮސްނިއާގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ.

ވޯލްޑް ކަޕްގައި ކުރިއަށްއޮތް މެޗުގައި ބައްދަލުކުރާނީ ގްރޫޕު ޑީގެ އެމެރިކާ އާއި ޕެރެގުއާއީ އެވެ. އަމިއްލަ ގައުމުގައި ކުޅޭ އެ މެޗުގައި ޕެރަގުއާއީއާ ދެކޮޅަށް އެމެރިކާއިން ނުކުންނާނީ ހެނދުނު 6:00 ގައެވެ.

މި ނަތީޖާއާއެކު ކެނެޑާއަށް ވަނީ ވޯލްޑް ކަޕްގައި މިހާތަނަށް ލިބުނު ފުރަތަމަ ޕޮއިންޓު ކަށަވަރުވެފައެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވޯލްޑް ކަޕްގައި ވާދަކުރި ނަމަވެސް ކެނެޑާއަށް މެޗަކުން ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. ގްރޫޕު ބީގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ސްވިޒަލެންޑާއި ގަތަރު ބައްދަލުކުރާ މެޗު އޮންނާނީ މާދަމާ ރޭ ރާއްޖޭގަޑިން 12:00 ގައެވެ.