ވޯލްޑް ކަޕް 2026: ޤަތަރު - ސްވިޒަލޭންޑް | ޕްރިވިއު
މިފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީގައި ގަތަރާއި ސުވިޒަލޭންޑް ބައްދަލުކުރާ މެޗަކީ މުބާރާތުގެ ފަސްވަނަ މެޗެވެ. މި ދެ ޓީމުގެ ފުރަތަމަ މެޗެވެ. ކެނެޑާ އާއި ބޮސްނިއާ އެންޑް ހެރްޒެގޮވީނާ ހިމެނޭ މި ގްރޫޕުން ކުރިހޯދުމަށްޓަކައި، ފުރަތަމަ މެޗުން މޮޅުވުމަކީ ދެ ގައުމަށްވެސް ލިބޭނެ ބޮޑު ހިތްވަރެކެވެ. މި ގުރޫޕުގައި ހިމެނޭ ކެނެޑާ އާއި ބޮސްނިއާ ހެޒްގޮވިނާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ޤަތަރު ޓީމު
ޓީމުގެ ކޯޗަކަށް މިހާރު ހުރީ ތަޖުރިބާކާރު ސްޕެއިންގެ ކޯޗު ހޫލެން ލޮޕެޓެގީއެވެ. އޭނާގެ އިރުޝާދުގެ ދަށުން ގަތަރުން ބޮޑަށް އިސްކަންދެނީ ދިފާއީ ގޮތުން ވަރުގަދަ، އަދި ކައުންޓަރ އެޓޭކަށް ބިނާވެފައިވާ ކުޅުމެއް ކުޅުމަށެވެ. ލޮޕެޓެގީގެ އަމާޒަކީ ހަމައެކަނި މުބާރާތުގައި ބައިވެރިވުމުގެ ބަދަލުގައި، އެހެން ގައުމުތަކާ ވާދަކޮށް ރަނގަޅު ނަތީޖާއެއް ހޯދުމެވެ.

ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހުނަރުވެރި ފޯވާޑް އަކްރަމް އަފީފް އާއި އެންމެ ގިނަ ލަނޑު ޖަހާފައިވާ އަލްމޯއެޒް އަލީ ހިމެނެއެވެ. މީގެ އިތުރުން ކީޕަރު މެޝާލް ބަރްޝަމް އާއި ތަޖުރިބާކާރު ކެޕްޓަން ހަސަން އަލް ހައިދޯސްއަކީ ޓީމުގެ މައިބަދައެވެ. ޓީމުގެ އެންމެ ބޮޑު ބާރަކީ ގިނަ ދުވަސްތަކެއް ވަންދެން އެކުގައި ކުޅެފައިވާ ކުޅުންތެރިން ތިބުމުން އޮތް ބަދަހި ގުޅުމެވެ.
މިފަހަރުގެ މުބާރާތުގައި ގަތަރު ހިމެނެނީ ސްވިޒަލޭންޑް، ކެނެޑާ އަދި ބޮސްނިއާއާ އެކު ގްރޫޕް ބީގައެވެ. ގަތަރުގެ މައިގަނޑު ގޮންޖެހުމަކީ ޔޫރަޕްގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅުމުގެ ތަޖުރިބާ މަދުވުމާއި، ބައެއް މުހިންމު ކުޅުންތެރިންނަށް މާބޮޑަށް ބަރޯސާވާން ޖެހުމެވެ. އެހެންނަމަވެސް، 2022 ގެ ނާކާމިޔާބީ ތަކުރާރުވިޔަ ނުދީ، ގްރޫޕްގެ ތިންވަނަ ނުވަތަ ދެވަނަ ހޯދައިގެން އަނެއް ބުރަށް ދިއުމަކީ އެ ޓީމުގެ ބޮޑު އުންމީދެކެވެ..
ސުވިޒަލޭންޑް ޓީމު
ސުވިޒަލޭންޑަކީ ވޯލްޑް ކަޕްގެ ތާރީޚުގައި ޔޫރަޕުން ފެންނަ އެންމެ އެއްގޮތަކަށް ނަތީޖާ ނެރޭ އެއް ޓީމެވެ. މިފަހަރުގެ މުބާރާތަކީ އެ ގައުމުން ވޯލްޑް ކަޕްގައި ވާދަކުރާ 13 ވަނަ ފަހަރެވެ. ތާރީޚަށް ބަލާއިރު އެންމެ ރަނގަޅު ނަތީޖާއެއްގެ ގޮތުގައި ކުއާޓާ ފައިނަލަށް ތިން ފަހަރަކު ދަތުރުކޮށްފައިވީ ނަމަވެސް، ފަހަކަށް އައިސް ގިނައިން ފެންނަނީ ގަދަ 16 އާ ހަމައިން މުބާރާތުން ވަކިވާ މަންޒަރެވެ.
މިފަހަރުގެ މުބާރާތަށް ސުވިޒަލޭންޑް ކޮލިފައިވީ ވަރަށް ވަރުގަދަ ނަތީޖާތަކަކާ އެކުގައެވެ. ކޮލިފައިންގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ގްރޫޕުގެ އެއްވަނަ ހޯދީ ދިފާއީ ގޮތުން ވަރުގަދަ ކުޅުމެއް ދައްކައިގެންނެވެ. ކޯޗު މުރާތު ޔަކިންގެ އިރުޝާދުގެ ދަށުން އެ ޓީމު ބިނާވެފައިވަނީ ދިފާއީ ނިޒާމު ވަރުގަދަކޮށް، މެދުތެރެ ބަދަހިކޮށް، އަދި ކައުންޓަރ އެޓޭކުގައި އަވަސް ކުޅުމެއް ދެއްކުމުގެ މައްޗަށެވެ.

ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ކެޕްޓަން ގްރޭނިޓް ޝާކާ، ދިފާއީ ތަނބު މެނުއަލް އަކަންޖީ، އަދި ފޯވާޑް ބްރީލް އެމްބޯލޯ ހިމެނެއެވެ. މީގެ އިތުރުން ގޯލްކީޕަރު ޔާން ސޮމާ އާއި ގްރެގޯ ކޯބެލް އަކީ ވެސް ޓީމުގެ ދިފާއުގައި މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިންނެވެ. ޓީމުގެ އެންމެ ބޮޑު ބާރަކީ ތަޖުރިބާކާރު ކުޅުންތެރިން ތިބުމާއި ޓެކްޓިކަލް ގޮތުން އޮންނަ އަދަބުވެރިކަމެވެ.
ނަމަވެސް، އެޓޭކިންގް ޑެޕްތް ނުވަތަ ބަދަލުގައި ކުޅެން އަރާނެ ފެންވަރުގެ ފޯވާޑުން މަދުވުމާއި، ބޮޑެތި ޓީމުތަކާ ދެކޮޅަށް ލަނޑު ޖަހަން އުނދަގޫވުމަކީ އެ ޓީމަށް އޮތް ގޮންޖެހުމެކެވެ. 2026 ވަނަ އަހަރުގެ މުބާރާތުގައި ސުވިޒަލޭންޑްގެ އަމާޒަކީ ގަދަ 16 އިން ކުރިއަށް ގޮސް، ތާރީޚީ ކާމިޔާބީއެއް ހޯދުމެވެ. މި ޓީމަކީ ގްރޫޕް ބީގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ޓީމެކެވެ.
ތާރީޚީ ކުރިމަތިލުން
ވޯލްޑް ކަޕް ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗަށް މިރޭ ޤަތަރާއި ސްވިޒަލޭންޑް ނުކުންނައިރު، މިއީ ތާރީޚުގައި މި ދެޓީމުގެ ދެވަނަ ބައްދަލުވުމެވެ. މީގެ ކުރިން 2018 ވަނަ އަހަރު މި ދެޓީމު އެކުވެރިކަމުގެ މެޗެއްގައި ބައްދަލުކޮށްފައިވާއިރު، މި މެޗުން އެ މެޗުން މޮޅުވެފައިވަނީ ޤަތަރެވެ. އެ ޓީމުން ސްވިތަލޭންޑް ބަލިކުރީ 0-1 ގެ ނަތީޖާއިންނެވެ.
ޤަތަރާއި ސްވިޒަލެންޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭގެ ގަޑިން ދަންވަރު 12:00 ގައިއެވެ.
Ads by MACL
