ވޯލްޑް ކަޕް 2026: ބްރެޒިލް - މޮރޮކޯ | ޕްރިވިއު
ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލް އާއި އެފްރިކާ ބައްރުގެ ފުޓުބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ މޮރޮކޯ މިރޭ ބައްދަލުކުރާއިރު، މިއީ މި މުބާރާތުގެ ހަ ވަނަ މެޗެވެ. މިއީ ގުރޫޕް ސީގައި މި ދެޓީމު ބައްދަލުކުރާ ފުރަތަމަ މެޗެވެ. އަދި ގުރޫޕް ސީ ގެ ވެސް ފުރަތަމަ މެޗެވެ.
ބްރެޒިލް ގައުމީ ޓީމް
213 މިލިއަން އާބާދީއެއް އޮންނަ ބްރެޒިލަކީ ދުނިޔޭގެ ވޯލްޑް ކަޕް ތާރީޚުގައި އެންމެ ކާމިޔާބު ގައުމުގެ އިތުރުން، ހުރިހާ މުބާރާތެއްގައި ކުޅެފައިވާ ހަމައެކަނި ގައުމެވެ. ނަމަވެސް، ފާއިތުވި 24 އަހަރު ތެރޭގައި ވޯލްޑް ކަޕް ކާމިޔާބު ނުކުރެވުމަކީ އެ ގައުމަށް އޮތް ބޮޑު ޕްރެޝަރެކެވެ. މިއީ ބްރެޒިލްގެ ތާރީޚުގައި ތަށި ނުލިބި ހޭދަވި އެންމެ ދިގު މުއްދަތެވެ.
މިހާތަނަށް ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލް މިފަހަރުގެ މުބާރާތަށް ކޮލިފައިވީ ގިނަ ގޮންޖެހުންތަކަކާ އެކުގައެވެ. ކޮލިފައިން މަރުހަލާގައި ތިން ކޯޗަކު ބަދަލުވެފައިވާއިރު، ޓީމުގެ އެންމެ ބޮޑު މައްސަލައަކީ ޔޫރަޕުގެ ވަރުގަދަ ޓީމުތަކާ ވާދަކޮށް މޮޅުނުވެވުމާއި، މޮޅު ކުޅުންތެރިން ތިބި ނަމަވެސް ޓީމެއްގެ ގޮތުގައި ކުޅުމަށް އުނދަގޫވުމެވެ.

ޓީމުގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ވިނީޝިއުސް ޖޫނިއާ، ރަފީނިއާ، ކަސެމީރޯ އަދި ގަބްރިއަލް ހިމެނެއެވެ. ނޭމާ ޖޫނިއާ ޓީމުގައި ހިމެނުނު ނަމަވެސް އޭނާގެ ފިޓްނަސްއާ މެދު ވަނީ ސުވާލު އުފެދިފައެވެ. ޓެކްޓިކަލް ގޮތުން ބަލާއިރު، ޓީމުގެ އެޓޭކިން ލައިންގައި ހަލުވި ކުޅުންތެރިން ގިނަވުމަކީ ކޯޗަށް އޮތް އުފާވެރި ތަދެކެވެ.

ބްރެޒިލްގެ ގައުމީ ޓީމާ އަލަށް ހަވާލުވި އިޓަލީގެ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޯޓީ އަކީ އެ ގައުމުގެ ފުރަތަމަ ބިދޭސީ ކޯޗެވެ. އޭނާގެ އަމާޒަކީ ޔޫރަޕުގެ ޓީމުތަކާ އެއްވަރަށް ބްރެޒިލްގެ ފެންވަރު މަތިކޮށް، ޑިފެންސިވްކޮށް މެދުތެރެ ވަރުގަދަ ކުރުމެވެ. އަންޗެލޯޓީ ގަބޫލުކުރާ ގޮތުގައި ކާމިޔާބީ ލިބޭނީ ގަދައަޅާ މަސައްކަތްކޮށްގެންނެވެ.
މޮރޮކޯއާއި ދެކޮޅަށް ބްރެޒިލް ޓީމުން ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން:
ގޯލްކީޕަރު: އެލިސަން
ޑިފެންސް: ޑެނީލޯ، މާކީނިއޯސް، ގަބްރިއެލް މަގަލްހައެސް، އެލެކްސް ސަންޑްރޯ
މިޑްފީލްޑަރުން: ކަސެމީރޯ، ބްރޫނޯ ގިމަރޭސް، ރަފީނިއާ، ލޫކަސް ޕަކޭޓާ، ވިނީޝިއަސް ޖޫނިއާ
ފޯވާޑުން: މަތެއުސް ކޫންޔާ
މޮރޮކޯ ގައުމީ ޓީމް
މޮރޮކޯއަކީ ގާތްގަނޑަކަށް 38 މިލިއަން މީހުންގެ އާބާދީއެއް އޮންނަ، އެފްރިކާގެ ފަސްވަނައަށް އެންމެ ވަރުގަދަ އިގްތިސާދެވެ. ފްރާންސްގެ އިސްތިއުމާރުގެ ދަށުގައި ކުރިން އޮތް މި ގައުމުގެ ރަސްމީ ބަހަކީ އަރަބި އަދި ބާބާ ބަސް ކަމުގައިވީ ނަމަވެސް، ރަސްމީ މުއާމަލާތްތަކުގައި ފްރާންސް ބަސް ބޭނުންކުރެއެވެ. ދުނިޔޭގެ އެންމެ ދުވަސްވީ ޔުނިވަރސިޓީ ހުންނަ މޮރޮކޯއަކީ އަހަރަކު 10 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާ، މެހުމާންދާރީއަށް ލޯބިކުރާ ގައުމެކެވެ.
މޮރޮކޯގެ އެންމެ މަގުބޫލު ކުޅިވަރަކީ ފުޓްބޯޅައެވެ. އެ ގައުމަކީ ވޯލްޑް ކަޕްގެ ތާރީޚުގައި އެފްރިކާ ބައްރުން ގްރޫޕެއްގެ އެއްވަނަ ހޯދި އަދި ދެވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ގައުމެވެ. އަދި އެންމެ ފަހުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް، އެފްރިކާ އާއި އަރަބި ގައުމުތަކުގެ ތެރެއިން އެ ޝަރަފު ހޯދި ފުރަތަމަ ގައުމުގެ ލަގަބުވެސް ވަނީ ހޯދާފައެވެ. ނަމަވެސް 1976 ގެ ފަހުން އެފްރިކާ ކަޕް ކާމިޔާބު ނުވުމަކީ އެ ގައުމުގެ ސަޕޯޓަރުންނަށް އޮތް ބޮޑު މާޔޫސްކަމެކެވެ.

މޮރޮކޯގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި އެ ގައުމުން ވަނީ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ. ގިނަ ކުޅުންތެރިން ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅެމުންދާއިރު، ޓީމުގެ އެންމެ މުހިންމު ތަނބަކީ ޕީއެސްޖީގެ ޑިފެންޑަރު އަޝްރަފް ހަކީމީއެވެ. މޮރޮކޯ ޓީމަކީ ވަރުގަދަ ޑިފެންސަކަށް ބަރޯސާވާ ޓީމެއް ނަމަވެސް، ސަޕޯޓަރުން ބޭނުންވަނީ ބޯޅަ ހިފަހައްޓައިގެން ކުޅޭ އެޓޭކިންގް ގޭމެކެވެ.
މިހާރު ޓީމާ ހަވާލުވެ ހުރީ ބެލްޖިއަމްގެ ކޯޗު މުހައްމަދު ވާބީއެވެ. އޭނާ ޓީމާ ހަވާލުވީ ކުރީގެ ކޯޗު ވަލީދު ރެގްރާގީ އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. ކުރިއަށް އޮތް މުބާރާތުގައި ބްރެޒިލް ފަދަ ވަރުގަދަ ޓީމުތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މޮރޮކޯގެ ފުޓްބޯޅަ ބަދަލުވެފައިވާކަން ދުނިޔެއަށް ސާބިތުކޮށްދޭން ކޯޗު ހުރީ ތައްޔާރަށެވެ.
ބްރެޒިލްއާއި ދެކޮޅަށް މޮރޮކޯ ޓީމުން ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން:
ކީޕަރު: ޔާސީން ބޫނޫ (ބޯނޯ)
ފަހަތް: އަޝްރަފް ހަކީމީ، އީސާ ޑިއޮޕް، ޝާދީ ރިއާދު، ނުސައިރު މަޒްރާއުއީ
މެދުތެރެ: އަޔޫބް ބޫއައްދީ، ނީލް އެލް އައިނައުއީ، ބްރަހީމް ޑިއާޒް، އަޒެދިން އޫނާހީ، ބިލާލް އެލް ޚަންނޫސް
ފޯވާޑް: އިސްމާއިލް ސައިބާރީ
ދެޓީމުގެ ތާރީޚީ ކުރިމަތިލުންތައް
ބްރެޒިލް އާއި މޮރޮކޯ މިހާތަނަށް ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު، މީގެ ތެރެއިން ދެ މެޗުން ބްރެޒިލް މޮޅުވެފައިވާއިރު މޮރޮކޯ މޮޅުވެފައިވަނީ އެއް މެޗުންނެވެ. ބްރެޒިލް އިން ޖުމްލަ 6 ގޯލު ޖަހާފައިވާއިރު، މޮރޮކޯ އިން ޖަހާފައިވަނީ 2 ގޯލެވެ.
ވޯލްޑް ކަޕްގެ ތާރީޚަށް ބަލާއިރު މި ދެ ޓީމު ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައެވެ. އެ މެޗު 3-0 އިން ކާމިޔާބުކުރީ ބްރެޒިލްއެވެ. އެ މެޗުގައި ބްރެޒިލްގެ ރޮނާލްޑޯ، ރިވާލްޑޯ އަދި ބެބެޓޯ ގޯލު ޖެހިއެވެ.
މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރި އެކުވެރިކަމުގެ މެޗު 2023 ވަނަ އަހަރު 2-1 އިން ކާމިޔާބުކުރީ މޮރޮކޯއެވެ. މިއީ ބްރެޒިލްގެ މައްޗަށް މޮރޮކޯ އިން ހޯދި ފުރަތަމަ ކާމިޔާބީއެވެ. މިއަދުގެ ވޯލްޑް ކަޕް މެޗަކީ މި ދެ ޤައުމު ވޯލްޑް ކަޕެއްގައި ބައްދަލުކުރާ ދެވަނަ ފަހަރެވެ.

ބްރެޒިލް އިން ހަވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންދާއިރު، މޮރޮކޯ އިން އަންނަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލަށް ދަތުރުކޮށް ދެއްކި މޮޅު ކުޅުން ތަކުރާރުކޮށް، ދުނިޔޭގެ ފުޓްބޯޅައިގައި ކުރިއެރުން ހޯދަމުންނެވެ.
ބްރެޒިލް އާއި މޮރޮކޯ ބައްދަލުކުރާ މި މެޗުގެ ކުޅުން ފެށޭނީ މިރޭ ދަންވަރު ރާއްޖޭގެ ގަޑިން 3:00 ގައިއެވެ.
Ads by MACL
