މީދޫގެ އެއްވެސް ޕްރޮޖެކްޓެއް ހުއްޓުނަކަ ނުދޭނަން، ސަރުކާރުން މީދޫ ބާކީކޮށްނުލާނެ: ސުހާ
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ފޯރިގަދަ އިންތިޚާބު ކާމިޔާބު ކުރެއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ސުހާ، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވަރުގަދަ ޔަގީންކަމެއް ދެއްވައިފިއެވެ.
އިންތިޚާބުގެ ކާމިޔާބީއަށްފަހު ރައްޔިތުންނަށް ޝުކުރު ދެންނެވުމަށް ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސުހާ ވިދާޅުވީ، މީދޫގައި ފެށިފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ އެއްވެސް ޕްރޮޖެކްޓެއް ހުއްޓުނަކަ ނުދެއްވާނެ ކަމަށެވެ. އަދި މި ސަރުކާރުން މީދޫ ބާކީކޮށްނުލާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީދޫގެ ތަރައްޤީއަށް ސަރުކާރުން ދޭ ސަމާލުކަން ހާމަކޮށްދެމުން، މި ބައްދަލުވުމުގައި ދައުލަތުގެ މުހިންމު ވެރިންތަކެއް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާންގެ އިތުރުން، އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސައުދީ އަދި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ނަޒީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބޭފުޅުންގެ ބައިވެރިވުމާއެކު، ރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށްދާނެ ކަމުގެ ފެހި ސިގްނަލް ރައްޔިތުންނަށް ވަނީ ލިބިގެންގޮސްފައެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުންވެސް ސިފަކުރާ ގޮތުގައި، ސުހާ މި ގޮނޑި ކާމިޔާބު ކުރެއްވުމަކީ ކުރިއަށް އޮތް ތަނުގައި މީދޫގެ ތަރައްޤީގެ މަޝްރޫޢުތައް ބާރުސްޕީޑުގައި ކުރިއަށް ގެންދިއުމަށް ރައްޔިތުން ސަރުކާރަށް ދިން ވަރުގަދަ މެންޑޭޓެކެވެ.
Ads by MACL
